ސަރުކާރުން ދައްކާ ވާހަކައާއި ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދަޅުވެއްޖެއެވެ.

ތުލުސްދޫގައި ކޮވިޑް-19 ބިދޭސީންގެ ގައިން ފެތުރިފައި ވާއިރު ކަރަންޓީނު ފެސިލިޓީއަކަށް އެންމެން ގެންދާ ކަމަށް އެޗްޕީއޭން ބުނުމާ ގުޅިގެން ވައްޑެ ވިދާޅުވީ ސަރުކާރުން ބައެއް މިނިސްޓްރީތައް ހިމެނޭ ގޮތުން އެޗްޕީއޭގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށެވެ.

އަދި ރައްޔިތުންނާ މެދު އިންތިހާއަށް ފަރުވާ ކުޑަ ކޮށްފައިވާ ކަމަށާއި އެޗްޕީއޭ އާއި ސަރުކާރުން ދައްކާ "މޮޅު" ވާހަކައާ މެދު ހައިރާން ވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ވައްޑެ ވިދާޅުވެފައި ވަނީ ކޮވިޑް ވައިރަސް ހުރީ އަދި ނެތީ ކާކުގެ ގައިގައި ކަމެއް ނޭނގޭ މިންވަރަށް ފެތުރިފައި ވަނީ ފަރުވާކުޑަ ކުރުމުގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19: ސަރުކާރުން (ބައެއް މިނިސްޓްރީ ހިމެނޭ ގޮތުން) އެޗްޕީއޭގެ ބަހާއި އަމާލާ ދިމާނުވެ، ރައްޔަތުންނާއި މެދު، އިންތިހާއަށް ފަރުވާ ކުޑަކޮށް މޮޅު ވާހަކައެއް ދައްކާ ގޮތާއި މެދު ހައިރާންވެއްޖެ!! ހުރީ އަދި ނެތީ ކާކުގެ ގައިގައި ކަމެއް ނޭންގޭ މިންވަރަށް މި ފެތުރެނީ ފަރުވާ ކުޑަކަމުން
ވައްޑެ

ތުލުސްދޫއިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާއިރު، އެރަށުގައި ބިދޭސީން ދިރިއުޅެމުން އައި ހާލަތު ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކުން ފެންނަނީ، ބިދޭސީން ތަށިމުށިމަތީގައި ބަރިއަކަށް އޮށޯވެ ތިއްބޭތަނެވެ. އެ ފޮޓޯތަކުން 8 މީހަކު ފެނެއެވެ. ނަމަވެސް އެ ތަނުގައި ޖުމްލަ 15 ބިދޭސީން ނިދައި ހެދި ކަން އެ ރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.

އެއީ ތުލުސްދޫގައި ސްޓެލްކޯގެ މަސައްކަތެއް ކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުން އެ ކުންފުނީގެ ބެލުމުގެ ދަށުގައި ތިބި މީހުންނެވެ. އޭގެތެރެއިން ދެ މީހަކު ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ ފަހުކޮޅު މާލެ އައި ފަހުންނެވެ. އަދި މި އަދަދު އިތުރުވެ މިހާރު ޖުމްލަ 6 މީހަކު ވަނީ ތުލުސްދޫއިން ޕޮޒިޓިވް ވެފައެވެ. މިދިޔަ މަހުގެ 21 އިން ފެށިގެން ތުލުސްދުއަށް އަރާ ފޭބުން އޮތީ މަނާކޮށްފައެވެ.