އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ އެއްވެސް ވަސީލަތެއް ގާއިމުކުރެވިފައި ނުވާ ކަމަށެވެ.

35،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕަލެއް ނަގައިގެން ޓެސްޓު ކުރަން ފްލައިޓެއް ޗާޓަރު ކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި އައްޑޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމުގެ ޝަކުވާ ހޮސްޕިޓަލުން ފަރާތްތަކުން ކުރަމުންދާ ކަމަށްވެސް ޝިޔާމް ހުށްހަޅުއްވި މައްސަލައިގައި ފާހަގަ ކުރައްވާފައިވެއެވެ.

ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީނު ކުރެވިފައިނުވާ ކަމަށާއި އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫގެ މަސައްކަތް އަދިވެސް ނިމިފައިނުވާ ކަންވެސް ޝިޔާމް ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ފާހަގަކޮށްފައި ވަނީ ކޮވިޑް-19ގެ ސަބަބުން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް މީހުން ކަރަންޓީނު ކުރަންޖެހޭ ހާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއް ނެތްނަމަ ނުރައްކާތެރި ހާލަތަށް ހިނގައިދާނެ ކަމަކަށް ވާއިރު، އައްޑޫގައި އެ ބައްޔަށް ޓެސްޓު ކުރެވޭނެ ނިޒާމު ގާއިމުކޮށް، ރައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްދިނުމާއެކު، ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށް ގޮވާލާފައި ވެއެވެ.

ހަމަ އެއާއެކު، ކޮންމެ އަތޮޅެއްގައި ވެސް ކޮވިޑަށް ޓެސްޓުކޮށް ފަރުވާދެވޭނެ އިންތިޒާމު ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.