ލޯކަލް ކައުންސިލްތަކުގެ އިންތިިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުން 14 ދުވަހުގެ އިނާޔަތް ދޭން ނިންމައިފިއެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ގާނޫނުގެ ދަށުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މުއްދަތު ހަމަވެފައި ވަނީ އިއްޔެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމުންނެވެ.
ސިވިލް ސާވިސް ކަމިޝަން (ސީއެސްސީ) އިން ބުނީ ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ހުރި މުވައްޒަފަކު ރޯދަ މަސް ފެށުނު ފަހުން މަސައްކަތަށް ނުކުމެއްޖެ ނަމަ، އެ މީހަކަށް ރޯދަ އިނާޔަތް ދޭނީ މަސައްކަތަށް ނުކުންނަ ދުވަހުން ފެށިގެން ރޯދަ މަސް ނިމޭ ދުވަހާ ހަމައަށްޖެހޭ އަދަދެއް ބެލުމަށް ފަހު އެ އަދަދަކަށް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިހާބާ ގުޅިގެން ސަސްޕެންޑް ކުރި މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް އިއްޔެއިން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މި ދުވަސްވަރު އޮފީސްތަކުގެ މަސައްކަތްތައް ކުރަމުން ދަނީ ހާއްސަ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވާތީ، ސަސްޕެންޝަން އުވުމަށް ފަހު މަސައްކަތްކުރާ މުވައްޒަފުން ވެސް އެ އުސޫލުގެ މަތިން އޮފީސްތަކުގެ ވެރިން އަންގާ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ސީއެސްސީން ބުނެއެވެ. އަދި ގާނޫނު އޮތްގޮތުން އިންތިހާބު އަލުން އިއުލާން ކުރެވެންދެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަން ވެސް އެ ކޮމިޝަނުން ކޮށްފައިވެއެވެ.
އިންތިޚާބު ފަސް ކުރިޔަސް، އިންތިހާބަށް ކުރިމަތިލި މުވައްޒަފުންގެ ސަސްޕެންޝަންގައި ތިބުމުން އެކަމަށް ހައްލެއް ހޯދަން ސީއެސްސީން ކުރިން ހައި ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައި ގެންފައެއް ނުވެއެެވެ.