ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް މަސައްކަތް ކުރަމުންދާ އިރު ބެސްޓް ކޭސް ސިނާރިއޯއެއްގައި މަސައްކަތް ކުރެވިއްޖެ ނަމަ އަންނަ ޖުލައި މަހު ޓޫރިޒަމް ދާއިރާގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާލުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ލޯކްޑައުންގެ ހާލަތުން އަރައިގަނެ ޓުރިޒަމް މަސައްކަތް ފެށިދާނެ ކަމަށް ފޯކާސްޓްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ފޯކާސްޓް ގައި ބެސްޓް ކޭސް ސިނާރިއޯއެއްގައި މަސައްކަތް ކުރެވިއްޖެ ނަމަަ އަންނަ ޖުލައި މަހު ޓޫރިޒަމް މަސައްކަތް ފެށިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު މޮޑެރޭޓް ކޭސް ސިނާރިއޯއެއް ގެންގުޅުއްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މޮޑެރޭޓް ކޭސް ސިނާރިއޯގައި ބަލި ފެތުރިގެންދާނެ މިންވަރެއް ބެލުމަށްފަހު ބަލި ކޮންޓްރޯލް ކުރުމަށްފަހު ޓޫރިޒަމް ފެށޭވަރު ވަނީ އަންނަ އޮކްޓޯބަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު ނިއު ނޯމަލްއަކާ ހަމައަށް ވާސިލް ވުމަށް ކަންކުރަންވީ ގޮތް ބަލަމުންދާ ކަމަށާއި ޓުއިރަޒް ފެށުމަށް ހަދާނެ އިކޮނޮމިކް އުސޫލުތަކުގެ ކަރުދާހެއް ރައީސް އޮފީހަށް ހުށަހެޅިފައިވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރައީސް އޮފީހުގެ ހިޔާލާއި ލަފައާއެކު އިންޑަސްޓީއަށް އެ ކަރުދާސް ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު އަލުން ޓުރިޒަމް ފަށާނެ ގޮތުގެ އުސޫލު ނިންމާނީ އިންޑަސްޓްރީއާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން ބޭރުން ރާއްޖެއަށް ގެނައި ޑޮކްޓަރުންގެ ލަފަޢާއި ނބޭރުގެ ޖަމިއްޔާތަކުގެ ލަފައާއި އެހެނިހެނ ްގައުމުތަކުގައި ކަންކުރާ ގޮތަށް ބެލުމަށް ފަހު ނިއު ނޯމަލްއަކަށް ދާން ކަން ކުރާނެ ގޮތް ރޭވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި ފޭސް 1 ގައި ހުޅުވާނީ ކޮން އެއާޕޯޓެއްތޯ އާއި ފުރަތަމަ ގެންނާނީ ކޮން ކަހަލަ ގޮތަކަށް ކޮން ފްލައިޓްތަކެއްތޯ ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު ފޭސް 2 ގައި ކަންކަން ކުރާނެ ގޮތެއް ނިންމާ ނިއު ނޯމަލްއަކަށް ދެވޭނެ ގޮތަށް ބަލާފައި ވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.