ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވާ މި ހާލަތުގައި މާލެއިން ފުރައިގެން ރަށްރަށަށް ދިއުމަށް 5000 އެއްހާ މީހުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ

ދަރުބާރުގޭގައި މިއަދު ބޭއްވި ނުށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލޭގައި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ މީހުންގެ ރަށްރަށަށް ދާން ބޭނުންވާ ކަަމަށެވެ. ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން ވަރަށް ގިނަ ބަޔަކަށް އެކަމަށް އެދެމުންދާ ކަމަށާ އެގޮތުން 5،000 ވުރެ ގިނަ މީހުން އެ ފުރުސަތު ބޭނުންވެގެން ރިކުއެސްތް ކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މި ދުވަސްވަރު މާލެއިން އަތޮޅުތަކަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި ނަމަވެސް ޒަރޫރީ ބޭނުންތަކަށް މާލެ އައިސް ތާށިވެފަައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ކަރަންޓީން ކުރުމަށް ފަހު އެ މީހުން ރަށްރަަށަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށާއި ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ އިތުުރު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއިން 500 ކޮޓަރި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަން ދޭނެ މީހުން ޖެންޑާ މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ. އެގޮތުން ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރަށްރަށައް ދާން ބޭނުންވެގެން 300 ވުރެ ގިނަ މީހުން މިހާރުވެސް ކަރަންޓީން ފުރިހަމަ ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.