ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާގައި ތަންފީޒު ކުރަމުންދާ ހަރުކަށި ކާފިއުގެ އަމުރަށް ލުއި ދިނުމަށް އެގައުމުން ނިންމައިފިއެވެ.
ކަންމިހެން އޮތް ނަމަވެސް، ވެރިރަށް ކޮލަމްބޯއާއި ގަމްޕަހަ ޑިސްޓްރިކްޓްތަކުގައި މިހާރުވެސް އިއުލާންކޮށްފައިވާ ކާފިއު އަމުރު، ވަކި އެއްޗެއް އަންގަންދެން ތަންފީޒު ކުރަމުން ދާނެ ކަމަށް ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ މީޑިއާ ޑިވިޝަން (ޕީއެމްޑީ)އިން ވަނީ ހާމަކޮށްފައެވެ.
ކަލުތާރާއާއި ޕައްޓަލަމް ހިމެނޭ ގޮތަށް 23 ޑިސްޓްރިކްޓްއެއްގައި ކާފިއުގެ އަމުރު، މިއަދުން ފެށިގެން ތަންފީޒު ކުރަމުންދާނީ ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 05:00 ގެ ނިޔަލަށެވެ.
ކަންމިހެން އޮތް ނަމަވެސް، މިއަދުން ފެށިގެން ކޮޅުނބާ ގަމްޕަހަ ޑިސްޓްރިކްތަކުގައި އާންމު މަދަނީ ދިރިއުޅުމާ، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ހަރަކާތްތައް ކުރިން ރާވާފައި އޮތް ފަދައިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ޚަބަރު ލިބެއެވެ.
ޕީއެމްޑީއިން ބުނީ، އާންމު ދިރިއުޅުމުގެ ހަރަކާތްތައް އަލުން ފެށުމުގައި، ކުރިންވެސް ކަނޑައަޅާފައިވާ ޝަރުތުތައް ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން ގެއިން ބޭރަށް ނިކުމެގެންދާ މީހާ ގެއަށް އެނބުރި ވަންނަނީ ވައިރަސް ހިފައިގެން ނޫންކަން ކަށަވަރު ކުރުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި ފުރިހަމަ ލޮކްޑައުންގެ އަމުރެއް ތަންފީޒު ކުރަން ފެށީ ކޮވިޑް-19ގެ ބަލިމަޑުކަން ސްރީލަންކާގައި އާންމުވި ހިސާބުން، މާޗް 22 ވަނަ ދުވަހުއެވެ. އެއީ ޖެނުއަރީ މަހުގެ ފަހުކޮޅު، ޗައިނާގެ ވޫހާންއިން ސްރީލަންކާއަށް ދަތުރުކުރި ފަތުރުވެރިއެއްގެ ފަރާތުން އައި ކޭހަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 863 އަށް އަރާފައެވެ. މިއަދުވެސް އެގައުމުން 7 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ސްރީލަންކާ އާބާދީގެ ކޮންމެ 1 މިލިއަން މީހަކުން 1709 މީހަކު ވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ.