ޒަމާންވީ ހަތުރު، އެމެރިކާއާ އެކު ގައިދީން ބަދަލު ކުރުމުގެ ފުރިހަމަ ޕްރޮގްރާމަކަށް ތައްޔާރަށް އޮތް ކަމަށް އީރާނު ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ޢަލީ ރާބިޢީ ހާމަކުރައްވައިފިއެވެ.
މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ ޚަބަރު އޮންލައިން ނިއުސް އަށް ރާބިޢީ ދެއްވާފައިވާ ބަސްދީގަތުމަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައިދީން ބަދަލު ކުރުމުގެ މަޝްވަރާތައް، އެއްވެސް ޝަރުތަކާ ނުލައި ކުރިއަށް ގެންދިއުމަށް އީރާނު އޮތީ ތައްޔާރަށެވެ. ނަމަވެސް މިކަމަށް އެމެރިކާގެ ފަރާތުން އަދި އިޖާބައެއް ލިބިފައި ނުވާކަމަށް ރާބިޢީ ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާއިރު، އެމެރިކާގެ ޖަލުތަކުގައި ތިބި އީރާނުގެ ރައްޔިތުންގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާ، ސިޔާސީ ކަންކަމުގެ މައްޗަށް މީހުންގެ ފުރާނަ އިސްކުރުމުގެ ވިސްނުމެއް އެމެރިކާއިން ގެންގުޅޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރާބިޢީ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ޖަލުތަކުގައި ތިބި އީރާނު ރައްޔިތުންގެ ސިއްހަތު ޒިންމާ އުފުލަންޖެހޭ ބަޔަކީ އެމެރިކާގެ ސަރުކާރު ކަމުގައި އީރާނުގެ ސަރުކާރުން ގަބޫލު ކުރާ ކަމަށާ، މިކަން ނިމުމަކަށް ގެނައުމަށް އެމެރިކާ މާ ބޮޑަށްވެސް ތައްޔާރަށް އޮތް ކަމުގައި ހީވާކަމަށްވެސް ރާބިޢީ ވިދާޅުވި ކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި މިކަމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވި އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރު ބުނާ ގޮތުގައި، މިފަދަ އެއްވެސް ހުށަހެޅުމެއް އެމެރިކާއިން ހުށަޅާފައެއް ނުވެއެވެ. އަދި ސީދާ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ހުށަހަޅާފައި ނުވާނެ ކަމަށް އެ އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު މިފަދަ މުއާމަލާތެއް އެންމެ ފަހުން ހިނގާފައިވަނީ 2019 ވަނަ އަހަރު، ސްވީޑަން ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި އީރާނުގެ ގުޅުން އިންތިހާއަށް ހީނަރުވެގެން ދިޔައީ އެމެރިކާގެ ވެރިކަމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށްފަހު، އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލީ ތާރީހީ އެއްބަސްވުމުން، 2018 ވަނަ އަހަރު އެމެރިކާ ވަކިވި ހިސާބުންނެވެ.
ކޮވިޑް-19 އެމެރިކާގައި ފެތުރިފައިވާ ގޮތަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ އަދަދު 1.3 މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި އެމެރިކާގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ގައިދީންވެސް މި ބައްޔަށް ޕޮޒިޓިވްވި ކަމުގެ ޚަބަރުތައް ވަނީ އާންމުވެފައެވެ.
އީރާނަށް ބަލާއިރު، އެގައުމުގައި އަނެއްކާވެސް މި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. މިއާއެކު އިރާނުގެ ބައެއް ހިސާބުތަކުގައި އަނެއްކާވެސް ލޮކްޑައުން އަމުރު ވަނީ އިއުލާންކޮށްފައެވެ.