ޖަރުމަނުވިލާތުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާލާވަމުން ދާ ރޭޓް، އަދަދު 1 ގެ ފާހަގައަށް ވުރެ މައްޗަށް އަރާ، 1.13 ގައި ލިސްޓް ކުރެވިފައި ވާކަމަށް އެ ގައުމުގެ ޑިޒީޒް ކޮންޓްރޯލް ސެންޓަރު ކަމަށްވާ ރޮބާޓް ކޯކް އިންސްޓިޓިއުޓް އިން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ކުރިއަށް ބަލާއިރު ޖަރުމަނުވިލާތުގައި ކޮވިޑް-19 އާލާވަމުން ދާ ރޭޓު އުޅުނީ އަދަދު 1 އަށް ވުރެ ދަށުގައި ކަމަށްވެސް ރޮބާޓް ކޯކް އިންސްޓިޓިއުޓް އިން ވަނީ ބުނެފައެވެ.

ރީޕްރޮޑަކްޝަން ރޭޓް ނުވަތަ އާލާވަމުން ދާ އަދަދަކީ، ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލިޖެހޭ މިންވަރުގެ އެވަރޭޖު އަދަދެކެވެ.

ރީޕްރޮޑަކްޝަން ރޭޓް އިތުރުވުމުގެ މާނައަކީ، ޖަރުމަނުވިލާތުގައި ބައްޔަށް އިންފެކްޓްވެފައިވާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމުގެ ހެއްކެކެވެ. އަދި މި ދަނޑިވަޅަކީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަރުމަނުވިލާތުގައި ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަކަށް، ޗާންސެލާ އެންހެލާ މާކޭލް ލުއި ދެއްވާފައިވާ ދަނޑިވަޅެއްކަންވެސް ފާހަގަކުރަންޖެހެއެވެ.

ފިހާރަތަކާ ސްކޫލްތައް އަޅުން ހުޅުވުމުގެ އިތުރުން، ބެލުންތެރިންނާ ނުލާ ބުންޑަސް ލީގުގެ މެޗުތައް ކުރިއަށް ދާނެކަން މާކޭލް އިއުލާންކުރެއްވީ ހުސްވި ހަފުތާގެ ބުދަ ދުވަހުއެވެ.

ރޮބާޓް ކޯކް އިންސްޓިޓިއުޓް އިން ބުނީ ބަލީގެ ރީޕްރޮޑަކްޝަން ރޭޓަށް އަންނަ ބަދަލުތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާން ޖެހޭނެކަމަށެވެ.

ޖަރުމަނުވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 171879 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 18710 ކޭހެއް ފާހަގަކޮށްފައިވާއިރު، މީގެ ތެރެއިން 1581 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، ޖަރުމަނުވިލާތުން މަރުވި މީހުންގެ އަދަދު 7569 އަށް ވަނީ އަރާފައެވެ.