ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދަން ހެލްތު މިނިސްޓްރީ އިން ކޯޓޭޝަން ހޯދި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ކަމަށް އެކުންފުނިން ބުނެފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އެސްޓީއޯގެ އޮފިޝަލަކު ބުނީ އެސްޓީއޯ އިން ވެންޓިލޭޓަރު ގެނައުމަށް ސަރުކާރަށް ހުށަހެޅީ ތިން މެނުފެކްޗަރާއެއްގެ ތިން އަގު ކަމަށެވެ. އަދި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް ވެސް ހުށަހަޅާފައި ވަނީ އެސްޓީއޯ އިން ކަމަށެވެ.

އެއީ ސްވިޑްންގެ ބްރީޒް، ބްރޭންޑްގެ 15 ޔުނިޓް، ޔުނިޓެއް 206،666.67 ރުފިޔާގެ ރޭޓުން 3.1 މިލިއަން ދިވެހި ރުފިޔާ އަށް، 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއްގައި ކަމަަށާއި ޖަރުމަނުގެ އެކްސެންޓް ބްރޭންޑްގެ 15 ޔުނިޓްގެ ވެންޓިލޭޓަރު، ޔުނިޓެއް 426،666.67 ރުފިޔާގެ ރޭޓުން 6.4 މިލިއަން ރުފިޔާ އަށް، 15 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ގެނައުމަށް ކަމަށެވެ. އެންމެ އަގު ބޮޑު ބްރޭންޑެއްގެ ގޮތުގައި އެސްޓީއޯ އިން ހުށަހެޅީ "ހެލްތު ކެއާ" ޔޫއެސްއޭގެ ބްރޭންޑެއް ކަމަށާއި އެ ބްރޭންޑްގެ 15 ޔުނިޓަށް އެސްޓީއޯ އިން ހުށަހެޅީ 13.1 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ. އެއީ 60 ދުވަހާއި 80 ދުވަހާއި ދޭތެރޭގައި ގެންނަން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯން ބުނީ ކޯޓޭޝަން ހުށަހެޅީ އައިސީޔޫ ބޭސްޑް ވެންޓިލޭޓަރަށް ކަމަށާއި އެސްޓީއޯގެ ފަރާތުން ކޯޓޭޝަން ހޯދީ 15 ވެންޓިލޭޓަރުގެ އަގު ކަމަށެވެ. އެސްޓީއޯގެ އަގުތައް ހޯދުމަށް ފަހު، އެހެން ކުންފުނިތަކުން އަގުތައް ހޯދީ 50 ޔުނިޓް ވެންޓިލޭޓަރުގެ އަގު ކަމަށާއި އެ މަރުހަލާގައި އެސްޓީއޯ އަށް އެ ފުރުސަތު ނުދޭ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ އިން މިހެން ބުނެފައި ވާއިރު، މެޑްޓެކުން މިއަދު ރާއްޖެއަށް ވަނީ 18 ވެންޓިލޭޓަރު ގެނެސްފައެވެ. އެއީވެސް އައިސީޔޫ ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް މެޑްޓެކުން ހުށަހަޅާފައި ވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288،914 ރުފިޔާ އަށެވެ. އެހެންކަމުން 50 ވެންޓިލޭޓަރުގެ އަގު އަރަނީ 14،445،700 ރުފިޔާ އަށެވެ. މެޑްޓެކުން ވެންޓިލޭޓަރު ގެނައުމަށް ހުށަހަޅާފައި ވަނީ ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ. ނަމަވެސް އެސްޓީއޯއިން ބުނެފައި ވަނީ މެޑްޓެކުން ވެންޓިލޭޓަރު ގެނެސްފައި ވަނީ 50 ދުވަހުން 18 ވެންޓިލޭޓަރު ކަމަށެވެ. އެ ކުންފުނިން ބާކީ ނުގެނެސް ހުރި 32 ވެންޓިލޭޓަރު ޖޫން މަހު ގެނެވޭނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ދެން ވެންޓިލޭޓަރު ގެނައުމަށް ހުށަހަޅާފައި ވަނީ ނާޑުންނެވެ. އެއީ 20 ވެންޓިލޭޓަރެވެ. އީވްއިން ބްރޭންޑްގެ ވެންޓިލޭޓަރެއް 14 ދުވަސް ތެރޭ ގެނެސްދޭން އެ ކުންފުނިން ހުށަހަޅާފައި ވަނީ 351،577 ރުފިޔާ އަށެވެ. އެހެން ކަމުން 20 ވެންޓިލޭޓަރު ރާއްޖެ އަށް ގެންނަން ނާޑް ކުންފުނިން ނަގާ އަގަކީ 7،031،541 ރުފިޔާއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން 50 ޔުނިޓް ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކާ ހަވާލުކުރީ އެސްޓީއޯ އިން އެންމެ ހެޔޮ އަގު ހުށަހެޅި ބްރޭންޑްގެ ޔުނިޓެއް ގެނެސް ދިނުމަށް ހުށަހެޅި އަގަށް ވުރެ ޔުނިޓަކުން 82،247.33 ރުފިޔާ އަގު ބޮޑުކޮށެވެ. ބީލަމަށް ނުލައި ތިން ކުންފުންޏެއްގެ ފަރާތުން އަގު ހޯދުމަށް ފަހު، 50 ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލުކުރީ 14.44 މިލިއަން ރުފިޔާ އަށެވެ.

މިހާތަނަށް އެސްޓީއޯއާއި ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައި ނުވާ ސަބަބު ނޭނގޭ ކަމަށް އެސްޓީއޯއިން ބުނެފައި ވާއިރު، ވެންޓިލޭޓަރާ ގުޅޭ މި މައްސަލާގައި ހެލްތު މިނިސްޓްރީ އަދި އެއްޗެއް ނުބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި އެކި ބްރޭންޑުގެ ވެންޓިލޭޓަރުގެ އަގުތައް ތަފާތު އިރު، ވެންޓިލޭތަރު ވިއްކާ ފަރާތްތަކުން ކޮވިޑާ ގުޅިގެން އެތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެސް ކުރިއެވެ.