ބިދޭސީން ދިރިއުޅޭ 33 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 30 ތަނަކުން ސާމްޕަލް ނަގައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިނ ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބިދޭސީން ތޮއްޖެހިގެން އުޅޭ އިތުރު ފަސް ތަނެއް މިހާރު ވަނީ ފެނިފައިވާ ކަމަށެވެ.

އެ އަދަދާާއި އެކު ޖުމްލަ 33 ތަނެއް މިހާރު މޮނީޓާކޮށް ބަލަހައްޓަމުންދާ ކަމަށާއި އޭގެ ތެރެއިން 30 ތަނަކުން ވަނީ ސާމްޕަލް ނަގާފައި ކަމަށެވެ. އަދި ބާކީ ތިން ތަނުން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ބިދޭސީން ތޮއްޖެހިގެން އުޅޭ އިތުރު ފަސް ތަނެއް މިހާރު ވަނީ ފެނިފައި. އެހެންވެ ޖުމްލަ 33 ތަނެއް މިހާރު މޮނީޓާކޮށް ބަލަނީ. މީގެ ތެރެއިން 30 ތަނަކުން ވަނީ ސާމްޕަލް ނެގިފައި. އަދި ބާކީ ތިން ތަނުން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އެބަ ކުރޭ" މަބްރޫކް

މިދިޔަ މަހުގެ 30 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ 1085 ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ވަނީ ކަރަންޓީނު ކޮށްފައި ކަމަށެވެ. އަދި އެތަންތަނުގައި ތިބި މީހުންގެ ކަންކަން ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށް ވެސް އެޗްޕީއޭން ބުނެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 835 ފަރާތެކެވެ. އެއީ 279 ދިވެހިންނާއި 556 ބިދޭސީންނެވެ. އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 719 މީހުން ތިބި އިރު ކަރަންޓީން ފެސިލިޓީގައި ތިބީ 1521 މީހުންނެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެބައިކޮށް އެއްބައި މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ.