އިންޑިއާ ސަރުކާރުގެ ތާރީހުގައިވެސް އެގައުމުން ކުރިއަށް ގެންދާ އެންމެ ވަރުގަދަ އިވަކުއޭޝަން އޮޕަރޭޝަން 'މިޝަން ވަންދޭ ބާރަތު' ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު، ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

'މިޝަން ވަންދޭ ބާރަތު' އަކީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ ނުވަތަ ހާލުގައި ޖެހިފައިވާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު އެގައުމުގެ ސަރުކާރުން ހިންގާ ބޮޑު އޮޕަރޭޝަންއެކެވެ.

މަރުހަލާ ތަކަކަށް ބަހާލައިގެން މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މިއަދު ހަވީރުވެސް 202 މީހަކު ވަނީ އިންޑިއާގެ ކަނޑުގެ އަސްކަރީ މަނަވަރުގައި އެނބުރި ގައުމަށް ދިއުމަށް ފުރާފައެވެ.

ރާއްޖެއިން އިންޑިއާއަށް ގެންދާ އެ ގައުމުގެ ރައްޔިތުން ބާލަނީ ކޮޗިންގެ ބަނދަރަށެވެ. އަދި ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުހުލަތުވެސް ފުރިހަމަ ކުރުން އެމީހުންގެ މައްޗަށް އޮންނަނީ ލާޒިމުކޮށްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ބަލާ އެގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ 2 މަނަވަރެއް ރާއްޖެއަށް ދަތުރުކޮށްފައިވާއިރު، ކަނޑުގެ އަސްކަރީ ފްލީޓްގެ 3 ވަނަ މަނަވަރެއް ރާއްޖެއަށް މިސްރާބު ޖަހަން ތައްޔާރުވަމުންދާކަމަށް އިންޑިއާގެ ނޫސްވެރިއަކު ވަނީ ހާމަކޮށްފައެވެ.

އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ސިދާންތް ސިއްބަލް ބުނެފައިވާ ގޮތުގައި އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ކިސާރީ މަނަވަރު ރާއްޖެއަށް މިސްރާބު ޖަހާނީ ގާތްގަނޑަކަށް 600 މެޓްރިކް ޓަނުގެ ކާބޯތަކެއްޗާ އެކުގައެވެ.