ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ރަނގަޅު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓުއަރިސްޓުންނަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވާ ގޮތާ އެކަމުގައި އަމަލު ކުރި ގޮތް، ހޯމް މިނިސްޓަރާއި ރައީސް އޮފީހުގެ އިސް ލޯޔަރާކާ އަދި ފުލުހުންގެ އެކްސްޕާޓުން ބައިވެރިވި ޕެނަލަކުން އިއްޔެ ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގު ރަނގަޅު ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ހޯދުމަށް އެކަށީގެންވާ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުން، ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ ނިންމުމާއެކު، ދައުވާ ނުކޮށް، ބަންދު ކުރި ފުލުހުން ވަނީ ދޫކޮށްލާފައެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށް ލިބޭ ގާނޫނީ މުއްދަތު ފަހަނައަޅާ ދިޔުމުން އެ މައްސަލައިގައި ދައުވާ ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. ސީޕީ ވިދާޅުވީ، މި މައްސަލައިގައި ޕީޖީއާ ގުޅިގެން އިތުރު ގޮތްގޮތުން ދައުވާކުރެވެން ހުރިކަންކަން އަންނަނީ ބަލަމުން ކަމަށެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު އަބްދުﷲ އިމްރާމް ވަނީ ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް "މޮނިކޮން އަމުރެއް" ނެރެފައެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ލިބިފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެ ހާދިސާގައި 3 ފަތުރުވެރިއަކަށް ހަމަލާދީފައި ވެއެއެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާ ދެ ފިރިހެނުންނަކާއި އޮސްޓްރޭލިއާ ފިރިހެނެކެވެ. އެމީހުންނަށް ހަމަލާ ދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށާއި އެއީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އޭރު 5 މީހަކު ހައްޔަރު ކުރިއެވެ.

ފަތުރުވެރިންނަށް އެ ހަމަލާ ދިންތާ 2 ދުވަސް ފަހުން، އެ ހަމަލާއަކީ، ހަރުކަށި ފިކުރުގެ ބަޔަކު ހިންގި ހަމަލާއެއް ކަމަށް ބުނެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މެސެޖެއްވެސް އާންމު ކޮށްފައެވެ. އެމެސެޖުގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، އަންގާރަ ދުވަހުގެ ރޭ (ފެބްރުއަރީ 4، 2020)ގައި ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯ މެސެޖުގައި، އެފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށްވެސް ބުނެއެެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.