ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ހާލުބޮޑުވާ ބަލި މީހުންނަށް ބޭނުންވާނެ އަދަދަށް ވެންޓިލޭޓަރު ހޯދުމަށް މެޑްޓެކް މޯލްޑިވްސްއިން ރާއްޖެއަށް ގެންނަން ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އައިސީޔޫ 18 ވެންޓިލޭޓަރު މިއަދު ގެނެސްފިއެވެ.
މި ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައީ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނާމޯލްޑިވްސްގެ އެހީތެރިކަމާއެކު ކާގޯ ފްލައިޓެއްގައެވެ.
އިނާމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 18 އައިސީޔޫ ވެންޓިލޭޓަރާއި އިތުރު މެޑިކަލް ސާމާނުތަކެއް ހިމެނޭ ގޮތަށް މެޑްޓެކް ކުންފުނީގެ ޝިޕްމަންޓް މިިއަދު މާލެ އައިސްފައިވާ ކަމަށެވެ.
ސަރުކާރުން މެޑްޓެކްއާ ހަވާލު ކުރީ 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ. އަދި 1.3 މިލިއަން ރުފިޔާއަށް 26 ވެންޓިލޭޓަރެއް ގެންނަން ނާޑް ކުންފުންޏަށް ވެސް ވަނީ ހަވާލު ކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެތަކެތި ވަރަށް އަވަހަށް ބޭނުންވާތީ އެ ކުންފުނިތަކާ ހަވާލު ކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުންނެވެ.
މީގެ އިތުރުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ވެސް ހަމަޖައްސާފައިވެއެވެ. އޭގެ ތެރެއިން ބައެއް ވެންޓިލޭޓަރުތައް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައުލޫމާތުގައިވާ ގޮތުން، ވެންޓިލޭޓަރުތައް ގެނައުން ލަސްވެގެން ދިޔައީ އެ ތަކެތި އުފައްދާ ގައުމުތައް ލޮކްޑައުންވެ، ބޮޑެތި ގައުމުތަކަށް ވެސް އެ ތަކެތި ބޭނުން ވެފައިވާ މިންވަރު ބޮޑެވެ ތަކެތި އުފައްދާ ކުންފުނިތަކަށް އުފައްދައި ސަޕްލައި ކުރުމުގައި އެ ކުންފުނިތަކަށް ހުރަސްތަކެއް ހުރުމުންނެވެ.