ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ 290 އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމާ، ވަރަށް އަވަހަށް ހުޅެވޭ ވަރު ވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.
ދިވެހި އަސްކަރިއްޔާ އިސްވެ އޮވެ ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ބައްލަވާ ލެއްވުމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީއާއެކު އެ ސައިޓަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓްއެއްގައި މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ، ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، ގިނަ ބަޔަކު އެކަހެރި ކުރަންޖެހުނު ކަމުގައި ވީ ނަމަވެސް، ދެން ތިބި އަސްކަރީ ސިފައިން ހިތްވަރު އެލުވާލުމެއް ނެތި މަސައްކަތައިގެން ކުރިއަށްދާ ކަމަށެވެ.
މެޑިކަލް ފެސިލިޓީ ނިންމާލުމުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ދިޔައީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވާއިރު މޭޖާ ޖެނެރަލް ޝަމާލު ވަނީ، އާއިލާއާއި ދުރުގައި އެތައް ހަފުތާއެއް ވަންދެން މަސައްކަތް ކުރަމުން ދާ އަސްކަރިއްޔާގެ ހިތްވަރުގަދަ ބަތޮލުންނަށް ސެލިއުޓް ކުރައްވާފައެވެ. އަދި އެ ހިދުމަތުގައި ދެމި ތިބި ސިފައިންނަކީ ރޫހު ވަރުގަދަ ބައެއް ކަމަށާ، އެ ސިފައިންގެ ގުރުބާނީއަށް ގައުމީ ދިފާއީ ބާރުން ފަޚްރުވެރިވާކަމަށްވެސް މޭޖާ ޖެނެރަލް ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، މިމަސައްކަތަށް އިތުރު އެހީ ފޯރުކޮށްދިން ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގް މިނިސްޓްރީ އަދި އެންޑީއެމްއޭއާއި އެނޫންވެސް ޕްރައިވެޓް ކުންފުނިތަކަކަށް މޭޖާ ޖެނެރަލް ޝަމާލު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ.