އިއްޔެ އައްޑޫން ޕޮޒިޓިވްވި މީހާގެ ކޮވިޑަށް ހެދި އިތުރު ޓެސްޓުން އޭނާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕިއޭއިން ބުނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ޓްރާންސްފާ ކުރި މީހާ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް މިހާރު އޭނާ ވަނީ މި ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ކަށަވަަރުވެފައެވެ. ނަމަވެސް އަދި މި ކޭސް އަކީ ޕްރޮބަބްލް ކޭސްއެއް ކަމަށް އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓީވްވި 2 މީހެއްގެ ނަތީޖާވެސް މިހެން ވަނީ ނެގެޓިވްވެފައެވެ. އަދިއެ ދެކޭސްއަކީ ޕްރޮބަބްލް ކޭސްގެ ގޮތުގައި އެޗްޕީއޭއިން ނިންމާފައި ވަނީ ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްތަކަށް ވެފައިވާތީއެވެ.
ޕްރޮބަބްލް ކޭސްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައި ވަނީ ކޮވިޑަށް ފުރަތަމަ ހެެދޭ ސްކްރީން ޓެސްޓުން ޕޮޒިޓިވް ވިޔަސް ކޮވިޑް ސްޕެސިފިކް ޓެސްޓް ނެގެޓިވް ވެދާނެ ކަމަށާއި އެ ފަދަ ކޭސްތަކުގެ ތެރެއިން ޕްރޮބަބްލް ކޭސް ގޮތުގައި ބައެއް ކޭސް ބަލާ ކަަމަށެވެ. އެގޮތުން ސްކްރީނިން ޓެސްޓް ޕޮޒިޓިވް ވެފައިވާ މީހަކީ ޕޮޒިޓިވްވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ކަމުގައި ވާނަމަ ނުވަތަ ބަލީގެ އަލާމާތް އެމީހެއްގެ ކިބައިން ފެންނަ ކަމަށް ވާނަމަ އެ ކޭސް ފަހުން ހަދާ ޓެސްޓުން ނެގެޓިވް ވިޔަސް ބެލެވޭނީ ޕްރޮބަބްލް ކޭސްއެއް ގޮތުގައި ކަމަށް ނަޒްލާ ވިދާޅުވެފައި ވެއެވެ.
އައްޑޫ ކޭސްގައި އެ ބަލި މިހާއަކީ ބަލީގެ އަލާމާތް ހުރި މީހެއް ނޫނެވެ. މިދިޔަ ހުކުރު ދިުވަހުގެ ހެނދުނު އޭނާ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އީއާރަށް ދައްކަން ދިޔަ އިރު އޭނާއަކީ ހިތުގެ ބައްޔަށް ބޭސްކުރާ މީހެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އޭނާ އިތުރު ފަރުވާ ހޯދުމަށް މާލެއަށް ގެންނަން ޖެހުނީ އެ ހޮސްޕިޓަލުން ނުހެދޭ ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ. އޭނާ ޕޮޒިޓިވް ކަމަށް އެނގުނު ހިސާބުން މުޅި އައްޑޫ ސިޓީ ވަނީ ފުލް ލޮކްޑައުނަކަށް ގެންގޮސްފައެވެ. އަދި އޭނާއާ ކޮންޓެކްޓްވީ މިހުން ދެނެގަނެވި ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ދެނެގަނެވި އެމީހުން ވަނީ އެކަހެރިކޮށްފައެވެ.
މި ކޭސް އަކީ ނެގެޓިވް ކޭސެއް ކަމުގައި އެޗްޕީއެއިން ބުނެފައިވާއިރު އޭނާގެ ގައިން މި ބަލީގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. ނަމަވެސް އޭނާ ވަނީ ކުރިން ޕޮޒިޓިވްވި މީހަކާ ބައްދަލުވެފައި ކަން އަދި ޔަގީނެއް ނޫނެވެ.