ޔޫކްރެއިން އިން 35 މީހަކު ރާއްޖެ އައިސްފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ 35 މީހުން ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރާއްޖެ އައިސްފައި ވަނީ ދިވެހިން ކަމެއް ސީދާ މަބްރޫކް ވިދާޅު ނުވި ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން 32 ކުއްޖަކު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ޔޫކްރެއިންގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ރާއްޖެ އައިސްފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވަނީ ތައިލެންޑުން 131 ދިވެއްސަކު އެނބުރި ރާއްޖެ އައިސްފައެވެ.
ސަރުކާރުން އަންނަނީ ރާއްޖެއިން ބޭރުގައި ހުރި ދިވެހިން އެނބުރި ގައުމަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީގައި ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.