ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދާތީ މުޅި ރާއްޖެ ލޮކްޑައުންގެ ހާލަަތަށް ގެނެސްފައިވާ މި ދަނޑިވަޅުގައި މާލޭގެ ސަރަހައްދުން 98 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބީ 98 ފަރާތެއް ތިބި ކަމަށެވެ. ހަމައެއާއެކު ކާބޯތަކެތީގެ ދަތިކަން އުޅޭތީ ގުޅައިގެން އެހީތެރިކަމަށް އެދިފައިވާ 250 ފަރާތަކަށް ކާބޯތަކެތީގެ އެހީތެރިކަންވެސް ޖެންޑާ މިނިސްޓްރީން ވަނީ ފޯރުކޮށްދީފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ކާބޯޓަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ ޖެންޑާ މިނިސްޓްރީއާއި އެހެނިހެން އެންޖީއޯތައް ގުޅިގެންނެވެ.

ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާކީ ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގައިވެސް މި ހާލަަތުަގއި ވަޒީފާ ގެއްލި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވަށް އެތައް މަސައްކަތްތެރިންނެއް ވަނީ ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެންނަށްވެސް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އެ ހާލަތުގައި ރޯދަމަސް އައުމާ ގުޅިގެން އެތައް ބައަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ހާލުގައި އުޅޭ އާއިލާތަކަށް ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި ބައެއް ފަރާތަތަކުން ފޯރުކޮށްދެއެވެ. ހަަމއެއާއެކު ވަންނާނެ ތަނެއް ނެތް ފަރާތަތަކަށް ހިލޭ ބޯހިޔާވަހިކަންވެސް ބައެއް ފަރާތަތަކުން ދަނީ ފޯރުކޮށްދެމުންނެވެ. އާއިލާއާއި ރައްޓެހިންނަށް ގުޅައި އެމީހުންގެ ހާލު އަހުވާލު ބަލާ ހަދައެވެ.