ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 9 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ކޮވިޑް19 ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 29 އަށް އެރީއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ބަލިން ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދު މިހާތަނަށް 29 އަށް އަރާފައިވާ ކަމަށެވެ.

މީގެކުރިން މިބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ޝިފާ ލިބުނު މީހުންގެ އަދަދު އުޅުނީ 20ގައެވެ. އެހެންކަމުން ޖުމްލަ 29 އަށް ބަލި ޖެހުނު މީހުންގެ އަދަދު އެރުމުން އިތުރު 9 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވި މީހުންނަކީ 13 ބިދޭސީންނާއި 16 ދިވެހިންނެވެ.

މި ބަލިން 29 މީހަކު ރަނގަޅުވެފައިވާއިރު ބަލި ޖެހިފައިވާ 751 މީހަކަށް މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 41 މީހަކަށް ކޮވިޑް ޖެހިފައެވެ. މިއަދު ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވީ 22 މީހެކެވެ. އެއީ 16 ބަންގްލަދޭޝް މީހުންނާއި ހަތަރު ދިވެހިންނާއި އިންޑިއާ އަދި ނޭޕާލް މީހެކެވެ. ނަމަވެސް ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 9 މީހަކު ރަނގަޅުވެފައިވާއިރު ކޮވިޑް19 ޖެހިގެން ރާއްޖެއިން ވަނީ ތިން މީހަކު މަރުވެސް ވެފައެވެ. އެގޮތުން 83 އަހަރުގެ ދިވެހި އަންހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ.