ރާއްޖެއިން އިތުރު 19 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ރާއްޖެއިން ކޮވިޑް19 އަށް އިތުރު 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވެފައި ވަނީ ކޮން ބައެއް ކަމެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ.

މިއަދު އެކަނިވެސް ރާއްޖެއިން މިވަނީ މި ބައްޔަށް 41 މީހަކު ޕޮޒިޓިވްވެފައެވެ. މީގެކުރިން 22 މީހަކު ޕޮޒިޓިވްވިއެވެ. އޭގެތެރޭގައި ހިމެނެނީ 16 ބަންގްލަދޭޝް މީހަކާއި ހަތަރު ދިވެހިންނާއި އިންޑިއާ އަދި ނޭޕާލް މީހެކެވެ.

ފަހުން ޕޮޒިޓިވްވި 19 މީހުންނާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 786 އަށް އަރާފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.