އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ނަޒީމް ވިދާޅުވީ، އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދާ އެއް ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެއީ އައިޖީއެމްއެޗްގެ މަސައްކަތްތުގެ ތެރެއިން ނޫން ކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވް ވީ ކޮން ބައެއްކަން ނަޒީމު ހާމަ ކުރައްވާފައި ނުވި ނަމަވެސް، ގިނަ ޑޮކްޓަރުންނާއި ނަރުހުންނަކީ، ރާއްޖޭގައި ފެތުރެމުންދާ ކޮވިޑާ ގުޅިގެން ފޮރަންޓްލައިންގައި ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ.

އެގޮތުން އައިޖީއެމްއެޗުގައި ވިހަން އެޑްމިތް ކުރި މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓް ވި ކަމަށް ކަނޑައަޅާ 16 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް ޑރ. ނަޒީމު ވިދާޅުވިއެވެ.

"ދަ ޕްރެސް" އިން އިއްޔެ ވާނީ 14 މީހަކު ކަރަންޓީނަށް ގެންދާ ކަން ހާމަކޮށްފައެވެ. ނަމަވެސް އޭރު އަދި އެ ސްޓާފުން ކަރަންޓީނަކަށް ނުގެންދެއެވެ.

ރާއްޖޭގައި ކޮވިޑް ބާރަށް ފެތުރެމުން ދާއިރު ފްރަންޓްލައިންގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސާވިސްއިން 5 މީހަކާއ، އެންއެންޑީއެފްގެ 20 މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެތައް ބަޔަކު ކަރަންޓީނުގައި އެބަތިއްބެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހެން ބައެއް އޮފީސްތައް ކަމަށް ވާ އެސްޓީއޯގެ 3 މުވައްޒަފަކާއި، މޯލްޑިވްގޭސްގެ މުވައްޒަފަކާއި، ވޭމްކޯގެ މުވައްޒަފެއްގެ އިތުރުން އެމްޕީއެލްގެ މުވައްޒަފަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިއަދުވެސް ވަނީ 22 މީހަކު ޕޮޒިޓިވް ވެފައެވެ. މިއާއެކު ޕޮޒިޓިވް ވި މީހުންގެ ޖުމްލަ ވަނީ 766 އަށް އަރާފައެވެ.