ވެމްކޯގެ މުވައްޒަފެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވެމްކޯގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ވެމްކޯއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މުވައްޒަފަކީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ގޭގައި މަޑުކުރަން އަންގާފައިވާ މުވައްޒަފެއް ކަމަށާއި ބަލިވެ އުޅެންޏާ އޮފީހަށް ނުނުކުންނަށް މުވައްޒަފުންނަށް އަންގާފައި އޮންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވެމްކޯއިން ޕޮޒީޓިވްވެފައި ވަނީ ކޯލްސެންޓަރުގެ މުވައްޒަފެކެވެ. އެހެންކަމުން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހޯދުމާއެކު އޮފީސް ޑިސްއިންފެކްޓް ކުރުމުގެ ކުރިއަށް ގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކޯލް ސެންޓަރުގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓު ކުރަންވެސް ވަނީ ނިންމާފައެވެ. ވެމްކޯއާކީ މާލެތެރޭގައި އުފެދޭ ކުނި ދުވަހުން ދުވަހަށް ނަގަމުންދާ ބަޔަކަށް ވާއިރު، ކޯލް ސެންޓަރަކީ އެކިއެކި ފަރާތްތަކުން ކުރާ ފޯންކޯލްތަކަށް ޖަވާބު ދޭން ތިބޭ މީހުންނެވެ. ވެމްކޯއިން ބުނީ އެ ކުންފުނިން ޕޮޒިޓިވް ކޭސް އެއް ފެނުނު ނަމަވެސް ކުނި ނެގުމުގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

މިހާރު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 744 އަށް އަރާފައެވެ. ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.