އައްޑޫން މާލެއަށް ގެނައި ބަލި މީޙަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ޕޮޒިޓިވްވި މީހަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އޭނާ ޕޮޒިޓިވްވި ކަން އެނގިފައި ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސް އައިޖީއެމްއެޗަށް ގެންނަ ބަލިމީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހެދި ޓެސްޓުންނެވެ.
އެމީހާ ޕޮޒިޓިވް ވުމާއެކު މުޅި އައްޑޫ ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި އީކުއިޓޯރިއަލް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި އެމީހާއަކީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އައްޑޫއަށް ރިސޯޓަކުން ދިޔަ މަރަދޫފޭދޫ މީހެއް ކަމަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގާ ހަވާލާދީ އޮންލައިން ނޫހަކުން ބުނެއެވެ.
މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 744 އަށް އަރާފައެވެ. ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.