ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލޭގައި އިމާރަތް ކުރުމުގެ މަސައްކަތް ހުއްޓާލައިފައި ވީ ނަމަވެސް އަލުން ހުއްދަ ދިނުމާއެކު މަސައްކަތް ފަށައިފިއެވެ. މިއަދު މަސައްކަތް ފެށި ބައެއް ތަންތާނގައި މަަސައްކަތް ކުރަމުން ދަނީ ބިދޭސީންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ވަކި އުސޫލެއްގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން އިއުލާނު ކޮށްފައި ވާތީ، އެ ކަން ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި އޭގެތެރެއިން މިހާރު 21 ތަނަކަށް ހުއްދަ ދީފައިވާނެ ކަމަށެވެ. މި 21 ތަނަކީ މާލެ ސިޓީ ކައުންސިލުން އެސެސްމަންޓް ހެދުމަށް ފަހު އިމާރާތް ކުރުމުގެ ހުއްދަ ދެވިފައިވާ ތަންތަން ކަމަށާއި އަދި އޭގެ އިތުރުން އިތުރުު ތަނަކަށް އިމާރާތް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ހުއްދަ ދިނުމުގައި ބަލާފައި ވަނީ މަސައްކަތް ފަށައި ހުއްޓާލަން ޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަ ތަންތަނާއި މަސައްކަތެއް ނުކޮށް ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް އިތުރު ގެއްލުމެއް ލިބިދާނެ ފަދަ ތަންތަން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. ހަމައެއާއެކު މަސައްކަތަށް ނެރޭ މީހުންގެ އަދަދަކީ އެކަށީގެންވާ ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ތިބެވޭ އަދަދަކަށް ވުމާއި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކު އައިސޮލޭޝަން ފުރިހަމަކޮށްފައި ނޫނީ މަސައްކަތަށް ނުނެރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު މަސައްކަތަށް ނުނެރުމާއި މަަސައްކަތު ގަޑީގަ އާއި އެހެން ގަޑިތަކުގައި ވެސް އެ މީހަކު މަސައްކަތްކުރާ ތަން ނޫން އެހެން ތަނަކަށް ނުގެންދިއުން ފަދަ ކަންތައްތައް ކުރަން ސިޓީ ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި މަސައްކަތުގައި އުޅޭއިރު، ސޯޝަލް ޑިސްޓެންސިން އާއި ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުމާއި ގިނަގިނައިން އަތްދޮވުމަށް ބާރުއަޅައި އެ އިންތިޒާމު ހަމަޖެއްސަން ޖެހެއެވެ. މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނީފޯމު ލުމާއި މަސައްކަތް ކުރަން ހަމަޖައްސާފައިވާ މީހުން ސައިޓު ނޫން އެހެން ތަންތަނަށް ނުގެންދިއުމާއި ސައިޓަށް ނެރުމުގެ ކުރިން ކޮންމެ ދުވަހަކު ހުން ބެލުމާއި އެ މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަން ވެސް ޖެހެއެވެ.
މާލެ ލޮކްޑައުންގައި އޮތް މިހާލަތުގައި އިމާރާތްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން އުސޫލާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދެވިފައިވާ ހުއްދަ ބާތިލްކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.