ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތް ކުރި ގަރާރަކަށް އެމެރިކާއިން ހުރަސް އަޅައިފިއެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން އެމެރިކާއަށް ވީޓޯ ބާރު ލިބިފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ސަލާމަތީ މަޖިލީހުން އެކުލަވާ، ފާސްކުރުން އުޅުނު ގަރާރަށް އެމެރިކާއިން ހުރަސް އެޅީ އެ ގަރާރުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ވާހަކަތަކެއް ހުރެގެންނެވެ.

އެމެރިކާއިން ހުރަސް އެޅި ގަރާރަކީ، ކޮވިޑް-19އާ ކުރިމަތިލާ، ގައުމުތަކުގެ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި މިކަމާ ކުރިމަތިލުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ހަނގުރާމަތަކަށް ހުއްޓުމަކަށް ގެނައުމަށް ގޮވާލާ ގަރާރެކެވެ.

އެމެރިކާއިން މި ގަރާރަށް ހުރަސް އެޅުމާއެކު، މި ގަރާރަށް ވޯޓަށްވެސް އެހިފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މި ފަހަކަށް އައިސް ގެންދަވަނީ، ޑަބްލިއު.އެޗް.އޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމެރިކާއިން ޑަބްލިއު.އެޗް.އޯއަށް ދެމުންދިޔަ މާލީއެހީތައްވެސް ވަގުތީ ގޮތުން އޮތީ މެދުކަނޑާލާފައިކަން ފާހަގަކުރަންޖެހެއެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމާ ޑަބްލިއު.އެޗް.އޯއިން ކުރިމަތިލާފައިވަނީ މާ ލަހުންނެވެ. އަދި ބަލީގެ ކޭސްތައް ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއަށް ޑަބްލިއު.އެޗް.އޯއިން އެއްބާރުލުން ދޭ ކަމަށް ތުހުމަތު ކުރައްވާ، އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދަނީ ޗައިނާގެ ޕީއާރް ކުންފުންޏެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ފާޑުވެސް ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ގައުމުތައް އިނދަޖެހިފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދގުލާ ގޮސްފައިވާ ހަނގުރާމަތަކާ ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނައުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އިސްނަންގަވައިގެން މަސައްކަތްތަކެއް ކުރައްވާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.