ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ގޭގައި ޓެސްޓު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެސްޓު ކިޓްތައް ބޭނުން ކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފުރަތަމަ ފަހަރަށް ހުއްދަ ދީފިއެވެ.

ރަޓްގާޒް ޔުނިވާސިޓީގެ އާރްޔޫސީޑީއާރް އިންފިނިޓް ބައޮލޮޖިކްސް ލެބްއަށް ދީފައިވާ މި ހުއްދައަކީ، ކުއްލި ހާލަތަކަށް ބަލާ، ދީފައިވާ އެމާޖެންސީ އޯތޮރައިޒޭޝަން ހުއްދައެކެވެ.

އާރްޔޫސީޑީއާރް އިންފިނިޓް ބައޮލޮޖިކްސް ލެބްގެ ޗީފް އޮޕަރޭޓިންގް އޮފިސާ އަދި ޑައިރެކްޓާ އޮފް ޓެކްނޮލޮޖީ ޑިވަލޮޕްމަންޓް އެންޑްރޫ ބްރޫކްސް ވިދާޅުވީ، މިއީ ކަރަންޓީނުކޮށްފައިވާ މީހުންގެ ސާމްޕަލް ނެގުމުގެ އިތުރުން، ގެއިން ބޭރަށް ނިކުމެ ޓެސްޓުކުރަން ޖެހިލުންވާ މީހުންގެ ކިބައިން ސާމްޕަލް ހޯދުމަށް ކޮށިގެން ދިޔަ ފަސޭހަ މަގެއް ކަމަށެވެ.

ހުއްދަ ދީފައިވާ ކިޓްއަކީ އަމިއްލަ ކުޅު ބޭނުންކޮށްގެން ޓެސްޓު ކުރުމަށް އެ ސާމްޕަލްތައް ލެބްއަކަށް ފޮނުވައިގެން ޓެސްޓު ކުރާ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓްތަކެކެވެ.

މި ކިޓް ބޭނުންކޮށްގެން ޓެސްޓު ކުރުމަށް ސިއްހީ އޮފިޝަލުންގެ ލިޔުމެއް ބޭނުންވެއެވެ.