އެމެރިކާގެ ކެލިފޯނިއާ ގެ ސެންޓާ ބާބްރާ ކައުންޓީގައި ހުންނަ ލޮމްޕޮކް ފެޑެރަލް ކަރެކްޝަނަލް ކޮމްޕްލެކްސްއިން 823 ގައިދީއަކާ 25 މުވައްޒަފަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާކަމަށް އެމެރިކާގެ ޖަލުތަކާ ބެހޭ ބިއުރޯ (ބީއޯޕީ) އިން ހާމަކޮށްފިއެވެ.

މި ކޮމްޕްލެކްސްއަކީ 2 ފެސިލިޓީއެއްގެ މައްޗަށް އެކުލެވޭ ކޮމްޕްލެކްސްއެކެވެ. އެގޮތުން އެފްސީއައި ލޮމްޕޮކް އަކީ ލޯ-ސެކިއުރިޓީ މަރުކަޒަކެވެ. މިތަނުގައި ތިބީ 1162 ގައިދީން ކަމަށްވާއިރު، ޔޫއެސްޕީ ލޮމްޕޮކްއަކީ މީޑިއަމް-ސެކިއުރިޓީ ޕެނިޓެންޝަރީ ފެސިލިޓީއެކެވެ. މި ތަނުގައި ތިބީ 1542 ގައިދީން ކަމަށް މައުލޫމާތު ލިބެއެވެ.

ބީއޯޕީއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެފްސީއައި ލޮމްޕޮކް ފެސިލިޓީގައި ތިބި 792 ގައިދީން (68 ޕަސެންޓް) ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަނެއް 31 ގައިދީންނަކީ ޔޫއެސްޕީ ލޮމްޕޮކް ފެސިލިޓީއިން ޕޮޒިޓިވްވި ގައިދީންނެވެ.

ބީއޯޕީއިންވަނީ މުއްދަތެއް ނެތް ގޮތަށްމި ޖަލަށް އިތުރު ބަޔަކަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. މީގެ އިތުރުން އީ-މެއިލް އަދި ފޯނު ބޭނުން ކުރުމަށް ގައިދީންނަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތައްވެސް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ބަންދު ކޮށްފައެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި އޮޕަރޭޓް ކުރަމުންދާ ސްޓޭޓް އަދި ފެޑެރަލް ޖަލުތަކަށް ބަލާއިރު އެތައް ހާސް ގައިދީންނެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޭރު ފުށުން ބަލީގެ އެއްވެސް ނިޝާނެއް އަދި އަލާމާތެއްވެސް ފެނިފައި ނުވާ މީހުންނެވެ.

ދިވެހިރާއްޖެއިންވެސް ވަނީ ގައިދީންގެ ރެންޑަމް ސަމްޕަލް ނަގަން ފަށާފައެވެ.