ހަރުކަށި ފިކުރުގެ 8 މީހެއްގެ ފައިގައި ޓެގް އަޅުވަން ނިންމަން ހައިކޯޓުން އަމުރު ނެރެފިއެވެ. މިކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ރާއްޖެ ޓީވީ އަށް މިރޭ ހޯމް މިނިސްޓަރު އިމްރާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ދިވެހި ގައުމަށް ނުރައްކާވާ ޒާތުގެ ކަންކަން ކުރުމަށް ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ރާވަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރަމުން ގެންދާ ކަންކަން ފެއިލް ކުރުމުގެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައިވެސް ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިއްޔެވެސް ހައިކޯޓު މެދުވެރިކޮށް 8 މީހެއްގެ މައްޗަށް މޮނިކޮމް އަމުރު ނެރެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 8 މީހެއްގެ މައްޗަށް މޮނިކޮމް އަމުރު ނެރުނީ އެ ފަރާތްތަކުން މުޖުތަމައުގެ ނުރައްކަލަށް ކުރަމުން ގެންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެ ފަރާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި ޓެރަރިޒަމް ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވިި އިރު ދާދިފަހުން ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ވަނީ މާފުށި ޖަލުގައިވެސް ކަންތައްތަކެއް ކުރުމަށް ރާވާފައި ކަމަށް މީޑިއާގައި ރިޕޯޓު ކުރިއެވެ. އެކަމުގެ އިންޓަލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ވަނީ މާފުށި ޖަލަށް ގޮސް ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.