ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) އަޅައިގެން މައްޗަންގޮޅި ގެއަކަށް ވަދެ ވައްކަން ކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މައްޗަންގޮޅި ގެއަކުން މިއަދު 12:07 އެހާއިރު ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެއެވެ.

ސޯޝަލް މީޑިއާގައި މިރޭ ވަނީ މައްޗަންގޮޅި ގެއެއް ޑިސްއިންފެކްޓު ކުރުމަށް ކަމަށް ބުނެ ކޮވިޑް19 އާ ގުޅިގެން ސިއްހީ މާހިރުންނާއި އަދި ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތައް ލަމުން ގެންދާ ޕީޕީއީ ލައިގެން މީހަކު ވަދެ އެގޭގައި އޮތް ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ބުނެފައެވެ.

ފުލުހުންނަށް ހުށަހަޅާފައި ވާ މައްސަލައަކީވެސް ގެއަކުން ފޯނެއް ނެގި މައްސަލައެވެ.

އާންމުވެފައިވާ ސީސީޓީވީ ފްޓޭޖުން ފެންނަނީ، ޕީޕީއީގައި ހަމަޖެހިލައިގެން ހުރި މީހަކު ގެއެއްގެ ސިޑިން ތިރިއަށް ފައިބާ ތަނެވެ. އިއިރު އޭނާގެ އަތުގައި ފިޔާތޮޅި ކުލައިގެ ފުޅިއެއްވެސް އޮތެވެ.

އޭނާ އެގައިން ފޯނެއް ނެގި ކަމަށާ އޭނާ އެގެއަށް ވަނީ ޑިސްއިންފެކްޓް ކުރަން ކަމަށް ބުނެ ކަމަށް އެގޭގެ ބައެއް މީހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.