ގެވެށި އަނިޔާކުރާ މައްސަލައެއްގައި ފުލުހުން މީހަކު ހައްުޔަރުކޮށްފިއެވެ.

އެމީހާ އަކީ ގެވެށި އަނިޔާ ކުރާ މީހެއްކަން ހާމަކުރީ އެމީހާގެ ދަރިއެކެވެ. ސޯޝަލް މީޑިއާގައި އެކުއްޖާގެ ބައްޕަ [ގެވެށި އަނިޔާކުރާ މީހާ]ގެ އައިޑީކާޑު ފޮޓޯ ޕޯސްޓުކޮށް ވަނީ އެމީހާ ގެވެށި އަނިޔާ ކުރާކަން ހާމަކޮށްފައެވެ.

އެކުއްޖާ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ އެކުއްޖާގެ ބައްޕަގެ ފަރާތުން ކުއްޖާގެ މަންމަ އަށާއި ދައްތަ އަށް އަނިޔާ ކުރާ ކަމަށެވެ. އަދި ދެ ފަހަރަކު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެ ދެ ފަހަރުވެސް އުޅުން ބަދަލު ކުރާނެ ކަމަށް ބައްޕަގެ ފަރާތުން ބުނުމުން ފުލުހުން އެ ކުއްޖާގެ ބައްޕަ ދޫކޮށްލާ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރޭ ފިރިހެން ކުއްޖަކު ހިއްސާ ކޮށްފައިވާ އަނިޔާގެ ސީރިއަސް މައްސަލަ ސޯޝަލް މީޑިއާގައި ރިޕޯޓުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ބީޓަކަށް ތުހުމަތު ކުރެވޭ ފަރާތް ފެނިގެން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން އާއިލާއާ ހިއްސާ ކޮށްފައިވާނެ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި ދުވަސްވަރަކީ މާލެ ސަރަހައްދު ކޮވިޑް19 ގެ ސަބަބުން ލޮކްޑައުން ކޮށްފައިވާ ދުވަސްވަރެއް ކަމުން ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުން އައުމުގެ ފުރުސަތު އެކަށީގެންވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މަހު ވެސް އެކަނި ގެވެށި އަނިޔާގެ 26 މައްސަލައެއް ހުށަހަޅާފައިވެއެވެ.