ކޮވިޑް19 ގެ ސަބަބުން މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން ދިރިއުޅެމުންދާ ތަނުގެ ކުލި ނުދެއްކިގެން 12 މީހަކު ގެއިން ނެރެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ވަނީ މި ހާލަތުގައި ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާ ކުރިއިރު 1091 މީހުންނާއި 33 ކައުންސިލެއް ބައިވެރި ކުރިއެވެ.

އެޗްއާރްސީއެމްގެ ދިރާސާއިން ދައްކާ ގޮތުގައި މާލީ ދަތިކަމުގެ ސަބަބުން ކުލި ދެއްކޭނެ ފަދަ ހާލަތެއް ނެތުމުގެ ސަބަބުން 25 މީހަކު ގެއިން ނިކުތުމަށް އަންގާފައިވެއެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން މިހާތަނަށް 12 މީހަކު ވަނީ ގެއިން ނެރެފައެވެ.

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބައެއް މީހުން ވަންނާނެ ތަނެއް ނެތި ކެއުން ބުއިމުގެ ކަންކަން ހަމަޖެހިފައި ނެތުމުގެ ސަބަބުން ދައުލަތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެޗްއާރްސީއެމް އިން ވަނީ އެތަންތަނުގައި ތިބި ފަސް މީހަކާއި ސުވާލުކޮށްފައެވެ. އެމީހުންނަށް ރަމަޟާން ލިބެންޖެހޭ އިނާޔަތެއް ނުލިބެއެވެ. އެހެންކަމުން އެމީހުން ކެއުން ބުއިމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެޗްއާރްސީއެމްގެ ރިޕޯޓަށް މައުލޫމާތު ދިން 44 ޕަސެންޓު މީހުން އުޅެނީ ކުއްޔަށެވެ. 30 ޕަސެންޓުގެ މީހުންގެ އާމްދަނީ ވަނީ ކޮވިޑް19 ގެ ސަބަބުން ދަށްވެފައެވެ. އެކަމުގެ ސަބަބުން ކުލި ދެއްކުމަށް އެމީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އަދި 17 ޕަސެންޓު މީހުންނަށް ކުލި ދެއްކޭނެ ގޮތެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ބާރަ ޕަސެންޓު މީހުންގެ ގެއިން ކުލި ކުޑަކޮށްދީފައިވާ ކަމަށް ދިރާސާގައި ބުނެފައިވާއިރު 42 ޕަސެންޓު މީހުންގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ސަރުކާރުން އަންނަނީ ތަކުރާރުކޮށް މި ހާލަތަކީ އެންމެން އެކުގައި އެހީތެރިވާންވީ ވަގުތުކަން ފާހަފަކުރަމުންނެވެ. އަދި އެއްވެސް މީހަކު ގެއިން މީހުން ނުނެރުމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.