ކޮވިޑް19އާ ގުޅިގެން ދިމާވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ރިލީފް ޕެކޭޖު ކަނޑައެޅީ މޯލްޓިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާ މަޝްވަރާ ނުކޮށް ކަމަށް އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނަކީ ސަރުކާރު ގައިގާ ކޮޅުފައިން ޖެހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުން ރިލީފް ޕެކޭޖު އެކުލަވާލުމުގައި މަޓީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އަދި ލޮކްޑައުން ކުރުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީގައި ތިން ބައްދަލުވުމެއް ބޭއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

""އެ ބޭފުޅުންގެ ތެރެއިން ސަޖެޝަންސް އައީ 8،000 ރުފިޔާ 10،000 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރަ އެއްގޮތަކަށްވެސް ނުކަނޑާ، އޭގެ މަތިން ބައެއް ބޭފުޅުންގެ މުސާރަ ކަނޑާ ގޮތަށް. އެކަމަކު އޭޕްރީލް މަހު އެއްވެސް ބޭފުޅެއްގެ މުސާރަ ނުކަނޑާ ގޮތަށް. އޭގެ މަތިން ލިބޭ ބައެއް މުވައްޒަފުންގެ މުސާރަތަކުން ޕަސެންޓޭޖެއް ކަނޑާ ގޮތަށް. އަދި މެއި މަހު ވެސް އެގޮތަށް މުސާރައިން ކަނޑާ ގޮތަށް، ތިން މަސް ދުވަހަށް ބަލާގޮތަށް. އޭގެ ބަދަލު ސަރުކާރުން ދެ ކުއާޓަރުގެ ކުލި ޑިފާ ކޮށްދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން އޭގެ ބަދަލުގައި ހުށަހެޅީ އެއް ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށާއި މަޓީގެ މެމްބަރުން އެކަމަށް އެއްބަސްވާނެ ކަމަށް އެ ޖަމިއްޔާއިން ބުނުމުން ރަސްމީ ސިޓީއެއް ފޮނުއްވެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދެން މަޓީން އެދުނީ މުސާރަ ކުޑަކުރާ މީހުން ވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެންނަށް ވެސް ސަރުކާރުގެ އެހީގެ ޕެކޭޖުން ފައިސާ ދިނުމަށް ކަމަށާއި ނަމަވެސް އެކަން ކުރެވެން ނެތްކަން މަޓީ އަށް އަންގާފައިވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އައިމާ އަޅުގަނޑު ދެންނެވީ ނޫނެކޭ. އެގޮތަކަށް ނުވާނޭ. އެހެން ނަމަވެސްް ދެ ކުއާޓާ އަޅުގަނޑުމެންނަށް ޑިފާ ކޮށްދެވިދާނެއޭ،" ފައްޔާޒު ވިދާޅުވިއެވެ.

މަޓީން ނެރެފައި ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުމުގެ ވާހަކަ ސަރުކާރުން ދައްކަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ. މިހާރު މިއޮތް ހާލަތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ކަމަށްވާނަމަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުންތަކާއި ގުޅޭ ގޮތުން ތަފާތު އެކި ފޯރަމް ތަކުގައި ސަރުކާރާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.