ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކެޕް ކޮށް ކުޑަކުރަން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ބަދަލު ގެނައީ ދައުލަތުގެ މާލިއްޔަތަށް އިތުރު ބަދަލެއް ނާންނާނެތީއާއި، މާލީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

މި ބަދަލާއެކު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ގެއަށް ގެންދަންލިބޭ މުސާރަ ވަނީ ކެޕް ކުރަން ނިންމާފައެވެ. އޭގެ މާނައަކީ އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށް ވެއްޖެނަމަ އެމީހަކަށް ގެއަށް ގެންދަން ލިބޭނެ އެންމެ މަތީ މުސާރައަކީ އެލަވަންސް ތަކާއެކު 25،000 ރުފިޔާއެވެ.

މި ކެޓަގަރީގައި ހިމެނޭނީ ސިއްހީ ދާއިރާގެ މުވައްޒަފުން އިސްތިސްނާ ކޮށް، މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ކޮންސަލްޓެންޓުންނާއި ބައެއް ކޮންޓްރެކްޓް މުވައްޒަފުންގެ އިތުރުން ކޮމިޝަންތަކުގެ އިސް މަގަމުތަކުގައި ތިބޭ ފަރާތްތަކެވެ.

މުސާރައިގެ ގޮތުގައި 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭ މީހުންގެ މުސާރަ އިން ކަނޑާނީ 20 ޕަސެންޓެވެ. އަދި 25،000 ރުފިޔާއާއި 60،000 ރުފިޔާ އާ ދެމެދުގެ އަދަދު ތަކުން އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ އިން 30 ޕަސެންޓް ކުޑަވާނެއެވެ. އެ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރައިން 35 ޕަސެންޓު ކަނޑާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ. 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކްް މުސާރައިން 20 ޕަސެންޓު އުނިކުރާނެ،"
އަމީރު

މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ މުސާރަ ކެޕް ކުރުމުން މިހާރަށް ވުރެ ކުޑަވާނެ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުންގެ އަސާސީ މުސާރައިގެ މިހާރު 22 ޕަސެންޓް ކަނޑަން މިހާރު ވަނީ ނިންމާފައި ކުރިން އެ ފަރާތްތަކުގެ އަސާސީ މުސާރައިން ކަނޑަން ނިންމާފައި ވަނީ 20 ޕަސެންޓެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުންނާއި ބޯޑު މެންބަރުންގެ ގޮތުގައި ތިއްބަވާތީ އެ ބޭފުޅުންނަށް ބޯޑު އެލަވަންސެއްގެ ގޮތުގައި 11،500 ރުފިޔާ މިހާރު ލިބެއެވެ. މިހާރު ބޯޑު އެލަވަންސް ވާނީ ކަނޑާލާފައެވެ. މިހާރު އެ ގެނައި ބަދަލާއެކު ޖުމަލަ ކޮށް އެމްޑީންނާއި ޑީއެމްޑީންގެ މުސާރައިން 32 ޕަސެންޓް ކެނޑިގެން ދާނެއެވެ.