ކޮވިޑް19 އާ ގުޅިގެން އިގްތީސޯދީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯން ފަސްކޮށްދިނުމަށް ހަމަޖައްސާފައިވާ ޑެޓް މޮރޮޓޯރިއަމް މެދުވެރިކޮށް މަސްވެރިކަމުގެ ލޯނާއި ދަނވެރިކަމުގެ ލޯނުވެސް ފަސްކުރެވޭނެކަމަށް ފިނޭނސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން މިނިސްޓަރު ވިދާޅުވީ، ފިނޭސުން ކުރިން އިއުލާންކޮށްފައިވާ ޑެޓް މޮރޮޓޯރިއަމްގައި ނުހިމެނޭ ބައެއް ސްކީމްތައް މިހާރު ވާނީ ޑެޓް މޮރޮޓޯރިއަމަށް އިތުރުކޮށްފައި ކަމަށެވެ. އޭގެތެރޭގައި 15 ސްކީމެއް ހިމެނޭ ކަަމަށް އަމީރު ވދިާޅުވިއެވެ. އެގޮތުން ކުރިން ބީއެމްއެލް މެދުވެރިކޮށް ދީފައިވާ ފިޝަރީޒް ލޯނާއި އެގްރިކަލްޗާ ލޯނާ އެސްއެމްއީ ގެޓްސެޓް ލޯންވެސް މި މޮރޮޓޯރިއަމް ތެރޭގައި ހިމެނިގެން ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ބީއެމްއެލުން ކުރިން ޑެތް މޮރޮޓޯރިއަމް އަށް އެދި ހުށަހޭލުމަށް ހުޅުވާލި ފުރުސަތުގައި ބުނެފައި ވަނީ ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ހަމައެއާއެކު ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނު ފަސްކުރަން އެދި ހުށަހަޅާ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިންގް، އަދި ބިޒްނަސް ފައިނޭންސިންގް ތެރެއިން މުރާބަހާ ފައިނޭންސިންގް ފިޔަވައި ހުރިހާ ފައިނޭންސިންގް އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.