ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި 16.5 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.
ޑިޖިޓަލްކޮށް މިދިޔަ ހަފްތާތެރޭގައި ސޮއި ކުރި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ވާލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑރ.އައިޑާ ސްވަރާއީ-ރިޑިހޯއެވެ.
އެބޭންކުން ދީފައިވާ މިއެހީ މެދުވެރިކޮށް "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ގެ ދަށުން، މާލޭގެ ފެންހިންދުމުގެ ނިޒާމްގެ ފެންވަރު މަތިކުރުމަށް ވަނީ ކަނޑައަޅާފައެެވެ. ހަމައެއާއެކު މި މަޝްރޫއުގެ ދަށުން، ނަރުދަމާގެ ނިޒާމް މެދުވެރިކޮށް ހިންދޭ ފެން ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ބޭނުންވާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ހުޅުމާލޭގައި ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދާނެކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.
އަދި މި މަޝްރޫއުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދުރާލައި އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމަށްޓަކައިވެސް މަސައްކަތްކުރެވޭނެކަމަށް އެ ބޭންކުން ބުނެއެވެ.
އަލަށް ހިންގާ "އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ.
މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭއެހީ އަދި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީއެވެ.