މަސް ކިރަން ހުޅުމާލެއަށް ކައިރިކުރި ދޯންޏަކުން ފަޅުވެރިއަކު ހުޅުމާލެއަށް ފޭބި މައްސަލަައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މަސް ދޯންޏެއްގެ ފަޅުވެރިއަކު ވަނީ ހުޅުމާލޭގައި ހުންނަ އޭނާގެ އާއިލާ މީހުންގެ ގޭގައި އެއްރޭ ހުރުމަށް ފަހު އެޗްޕީއޭ އަދި ރަސްދޫ ޓާސްކް ފޯސްގެ ހުއްދަ ނެތި އަނބުރާ ރަސްދުއަށް ގޮސްފައެވެ. އެ ދޯނި ހުޅުމާލެއަށް ކައިރިކޮށްފައި ވަނީ މަސް ކިރަން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ދިވެހި ފިރިހެނެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ފުލުހުން މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އާއި އެ ރަށެއްގެ ޓާސްްކްފޯހުގެ ހުއްދައެއް ނެތި އެއް ރަަށުން އަނެއް ރަށަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، މަސްވެރިކަން ކުރަން ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. މި ހުއްދަ ދީފައި ވަނީ މަސްދޯނި ފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިންނަށް ނުފޭބޭ ގޮތަށެވެ. އަދި މަސް ދަތުރު ނިންމުމަށްފަހު އެ އުޅަނދެއް ނިސްބަތްވާ ރަށަށް ދަތުރުކުރަން ޖެހޭ ގޮތަށެވެ.