ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މާބަނޑު މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މީހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެ މާބަނޑު މީހާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

އަދި ސާމްޕަލް ނެގިފައި ވަނީ ރެންޑަމް ސާމްޕްލިންގެ ތެރެއިން ކަމަށާއި އޭނާ ޕޮޒިޓިވް ވެފައި ވާކަން އެނގިފައިވަނީ މިއަދު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތިގައި މި ކޭސްއާ ގުޅިގެން އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންތަކެއް ޓެސްޓުކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު މާބަނޑު އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެކްޓިވް ކޭސްތަކުގެ ތެރޭގައި މާބަނޑު ދެ އަންހެނަކު ހިމެނެއެވެ.

އޭނާ ޓްރީޓޮޕަށް ބަދަލު ކުރި އިރު މިއަދު 8 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރި ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް އިތުރު ވަމުން ދާއިރު ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި ޕޮޒިޓިވް ވާ އަދަދު އިންތިހާއަށް މައްޗަށް އަރައިގެން ދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ލަފާކޮށް އެކަން ވަނީ އިއުލާނު ކޮށްފައެވެ.