މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއް މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނ. ހޮޅުދޫއާއި އެ އަތޮޅު ހެނބަދޫ މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

މާލެ ސިޓީގެ ލޮކްޑައުންއާ އެކު އަދިވެސް 9 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބަ ހުއްޓެވެ. މާލެ ސިޓީގެ އިތުރުން ދެން ހިމެނެނީ ކ. ތުލުސްދޫއާ ށ. ނަރުދޫއާ ށ. ފުނަދޫއާ ށ. މިލަންދޫއާ ށ. ފީވަކާއި ށ. މާއުނގޫދޫ އަދި ނ. މަނަދޫއާއެވެ.

މޮނީޓަރިންގެ ހާލަތުގައިވާ ބޯޓުތަކުގެ ތެރޭގައި ކާވިޔާ ބޯޓާއި އަމާޒު ބޯޓު ހިމެނެއެވެ. އިއްޔެއާއި ހަމައަށް މުޅި ރާއްޖެއިން 256 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެންމެ ފަހުން ރާއްޖެއިން މޮނީޓަރިންގެ ހާލަތަށް އެއްވެސް ގެއެއް ލާފައިވާ ކަމަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 618 އެވެ. އެއީ 213 ދިވެހިންނާއި 359 ބިދޭސީންނެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެބައިކުޅު އެއްބައި މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދާ ހަމައަށް ބަންގަލްދޭޝްގެ 324 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެތަންތަނުގެ ތެރެއިން 5 ތަނެއްގައި ތިބި މީހުންގެ ގައިން އަދި ސާމްޕަލް ނުނަގައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ދެމީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މަރުވި ބަންގްލަދޭޝް މީހާ ބައްޔަށް ޕޮޒިޓިވް ކަން އެނގިފައި ވަނީ ފިޓު ޖެހި ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އޭނާގެ ޓެސްޓު ހެދުމުންނެވެ. އަދި އޭނާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.