ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އެފީހުން ޔެލޯއެލާޓް ނެރެފައިވަނީ ދާދި ދެންމެއެވެ. މެޓް އޮފީހުން ބުނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދަށް މިއަދުގެ މެނދުރު 2:15 އިން ފެށީގެން ހަވީރު 4:00 އާ ދެމެދަށް ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާ އިރު މިހާރުވެސް މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރަމުންނެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް 24 ގަޑިއިރަށް މުސުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށްވެސް އެފަރާތުން ބުނެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.