ވެކްސިން ޖެހުމާ ދެކޮޅަށް ޓްވިޓާގައި ވާހަކަތައް ފަތުރަމުން ދިޔަ "ވެކްސިން އަނިޔާ" ޓްވިޓާ އެކައުންޓެއް މިއަދު ސަސްޕެންޑުކޮށްފިއެވެ.

އެ އެކައުންޓް ސަސްޕެންޑްކޮށްފައި ވަނީ އާންމުންގެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ އެކައުންޓު މެދުވެރިކޮށް ދަނީ ވެކްސިން ޖެހުމާ ދެކޮޅަށް ކޭމްޕޭން ކުރަމުންނެވެ.

އާންމުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ ސޯޝަލް މިޑިއާގެ ޕްލެޓް ފޯމުގެ ތެރެއިން ޓްވިޓާ އަދި ފޭސްބުކް އިން މީގެ ކުރިންވެސް އެ ތަނުގައި އެކައުންޓް ގެނގުޅުމުގެ ގަވާއިދާ ހިލާފްވެފައިވާ ފަރާތްތަކުގެ އެކައުންތްތައް ވަނީ ސަސްޕެންޑްކޮށްފައެވެ، އެގޮތުން ދިނާ ހިލާފު ވާހަކަތައް ފަތުރަމުންދިޔަ އެކައުންޓަތަކެއްވެސް ވަނީ މީގެ ކުރިން ސަސްޕެންޑްކޮށްފައެވެ.

ހަމައެއާއެކު މި އަހަރު ތެރޭގައި ވެކްސިން ޖެހުމާ ހިލާފް ވާހަކަތައް ދައްކަމަުން ދިޔަ ވައިބާ ގްރޫޕެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މި ގްރޫޕުގައި ވެކްސިން ޖެހުމާ ހިލާފް ވާހަކަތައް ފަތުރަމުން ދިޔަ މައްސަލަަ ފުލުހުން އަންނަނީ ބަލަމަުންނެވެ. މިކަން ފުލުުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަމުން އަންނަ ފަރާތްތަކުން ދަރިންނަށް ވެކްސިން ނުދޭ މައްސަލަތައްވެސް ފެންމަތިވެގެން އައިސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެގޮތުން ކުދިންނަށް ލިބެނޖެހޭ އަސާށީ ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަން ފާހަގަކުރެވި އެކުދިންނަށް ވެކްސިން ދީ ކުދިންނަށް ތައުލީމް ދިނުމަށް ސަރުކާރުން ވަނީ ބާރުއަޅާފައެވެ.