ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފަރުވާގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާ، ޓެސްޓު ނުކުރާ އެކި އުފެއްދުންތައް ތަޖުރިބާ ނުކުރުމަށް އދގެ ސިއްހަތާ ބެހޭ އިދާރާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންޒާރުކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯއިން މިފަދަ އިންޒާރެއް އާންމުކޮށްފައި މިވަނީ، ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި މަޑަގަސްކަރަގެ ރައީސް އެންޑްރޭ ރޮހެލީނާ ފަތްޕިލާވެލީގެ "ބޭހެއް" ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކުރިން ޑީޖޭއެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު އުމުރުން އެންމެ 34 އަހަރުގައި މަޑަގަސްކާގެ ވެރިކަމާ 2009 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ރޮހެލީނާއަކީ، މުޅި އެ ބައްރުގައިވެސް ހުންނެވި އެންމެ ހަގު ލީޑަރެވެ.

އޭނާ ޕްރޮމޯޓްކުރައްވަމުން ގެންދަވަނީ ފަތްޕިލާވެލީގެ "ފަރުވާއެއް" ކަމަށް ވިދާޅުވާއިރު، އެއަށް ދެއްވި ނަމަކީ 'ކޮވިޑް-އޯގެނިކްސް'އެވެ.

ހުސްވި މަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މަޑަގަސްކާގެ ރައީސް ވިދާޅުވީ، އާބަލް ޓީއެއް ކަމަށްވާ ކޮވިޑް-އޯގެނިކްސްގެ އެހީގައި 7 ދުވަހުގެ ތެރޭގައި ނަތީޖާ ފެންނަ ކަމަށެވެ. އޭގެ ފަހުން މަޑަގަސްކާގެ އަސްކަރިއްޔާއިން ވަނީ މި ބުއިން ޕްރޮމޯޓް ކުރުމަށް ދޮރުން-ދޮރަށް ހިނގާ، މި ބުއިން ސަޕްލައިކޮށްދީފައެވެ.

މަޑަގަސްކާއިން ބުނާ ގޮތުގައި މި ބުއިން ތައްޔާރުކޮށްފައިވަނީ މެލޭރިއާ ބައްޔަށް ފަރުވާ ކުރުމަށް 1970 ގެ އަހަރުތަކުގައި ޗައިނާއިން މަޑަގަސްކަރައަށް އެތެރެކުރި ފަތްޕިލާވެލީގެ ބާވަތެއް ބޭނުންކޮށްގެންނެވެ.

މިފަދަ "ފަރުވާ"ތައް ތަޖުރިބާކުރުމާ ދެކޮޅަށް ޑަބްލިއު.އެޗް.އޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ތެރެއިން ދެވޭ ފަރުވާއަކީ ޓެސްޓު ކުރެވިފައިވާ ފަރުވާއަކަށް ވާންޖެހޭ ކަމަށެވެ.

ކަންމިހެން އޮތްއިރު، އެފްރިކަން ޔޫނިއަންއިންވަނީ މި ބުއިމާ ގުޅޭ ފަންނީ މައުލޫމާތު ހޯދުމަށް މަޑަގަސްކާއާއެކު މަސައްކަތް ފަށާފައެވެ. ބައެއް ގައުމުތަކުން ވަނީ މި ބުއިމަށް އޯޑަރުވެސް ދީފައެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.