ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް 'ސަމުދްރާ ޝެތު' (ސީ ބްރިޖު)ގެ ނަމުގައި އިންޑިއާ ސަރުކާރުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދާނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނީ އައިއެންއެސް ޖާލަޝްވާއާއި އައިއެންސް މާގަރު ރާއްޖެއަށް މިސްރާބު ޖަހާފައިވަނީ، ގައުމަށް އެނބުރި އަންނަން ބޭނުންވެފައި ތިބި އިންޑިއާގެ ރައްޔިތުން އިވަކުއޭޓް ކުރުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން ކަމަށެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއާއި ސިވިލް އޭވިއޭޝަން ވުޒާރާއާއި ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ދަށުން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ 2 މަނަވަރެއް ރާއްޖެއަށް ދަތުރު ކުރަމުންދާއިރު، އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި އިންޑިއާ މީހުންގެ ފުރަތަމަ ގުރޫޕު މި މަނަވަރުތަކަށް ބޯޑު ކުރަން ފަށާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ފުރަތަމަ މަރުހަލާގައި 1000 އެއްހާ މީހުން އިވަކުއޭޓް ކުރާނެ ކަމަށާ، މި އެންމެންވެސް އިންޑިއާއަށް ބާލާނީ ކޮޗިން ބަނދަރަށް ކަމަށްވެސް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންދާ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ އެއް މަނަވަރު ކަމަށްވާ އައިއެންއެސް މާގަރު/ފައިލް ފޮޓޯ: އިންޑިއާޒް ހޯމް ގްރޯން މިލިޓްރީ ޓެކްނޮލޮޖީ

އިންޑިއާ ސަރުކާރުން ވަނީ ހާލުގައިޖެހިފައިވާ ފަރާތްތަކަށް އިވަކުއޭޓް ކުރުމުގައި އަމަލުކުރާނެ އާންމު ޕްރޮޓޯކޯލް (އެސްއޯޕީ)އެއް އެކުލަވާލާފައެވެ. ޔޫނިއަން ހޯމް ސެކްރެޓަރީ އަޖޭ ބައްލާ ވިދާޅުވީ، މީހުން އިވަކުއޭޓް ކުރުމުގައި އިސްކަންދޭނީ ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިންނާ، ލޭބަރުންނާ، ވަޒީފާ ގެއްލިފައިވާ މީހުންގެ އިތުރުން ކުރު މުއްދަތުގެ ވިސާގައި ދަތުރުކުރި ފަރާތްތަކަށް ކަމަށެވެ. މީގެ އިތުރުން ސިއްހީ ކުއްލި އެހީ ބޭނުންވާ މީހުންނާ، މާބަނޑޫ މީހުންނާ، ދޮށީ އުމުރުގެ މީހުންގެ އިތުރުން އާއިލާ މެމްބަރަކު މަރުވުމުގެ ސަބަބުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކާ ދަރިވަރުންނަށްވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އިންޑިއާގެ ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ.

އިވަކުއޭޓްކުރުމަށްފަހު އިންޑިއާއަށް ގެންދާ މީހުންނަކީ ހޮސްޕިޓަލެއް ނުވަތަ މަރުކަޒީ ފެސިލީޓިއެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ބައެއް ކަމަށް އިންޑިއާއިން ވަނީ ކަނޑައަޅާފައެވެ.

މި އޮޕަރޭޝަންގެ ދަށުން އަނބުރާ އިންޑިއާއަށް ގެންދާ މީހުންގެ ޚަރަދުތައް ހަމަޖައްސަންޖެހޭނީ އެމީހުން އަމިއްލައަށްކަމަށްވެސް އިންޑިއާއިން ވަނީ ހާމަކޮށްފައެވެ.