ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ދެ މީހަކު ވެންޓިލޭޓަރަށްލާ ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ގާއިމްކޮށްފައިވާ ސެންޓަރުގައި މި ވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ވެންޓިލޭޓަރަށްލާ ފަރުވާދޭން ފަށާފައި ކަމަށެވެ.

އެއީ 70 އަހަރާއި 88 އަހަރުގެ ދެ ފިރިހެނުން ކަމަށާއި މީގެ އިތުރުން ތިބި މީހުންގެ ތެރެއިން 80 އަހަރުގެ ފިރިހެނަކަށް އޮކްސިޖަން ދެމުންދާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށާއި ބާކީ ތިބި މީހުންނަކީ 80 އަހަރުގެ ދިވެހި އަންހެނަކާއި، 58 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 48 އަހަރުގެ ބިދޭސީއެކެވެ. ބިދޭސީ މީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.

މުޅި ރާއްޖެއިން މި ބައްޔަށް މިވަނީ 573 މީހަކު ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 20 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.