ސައޫދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުތައް އަދިވެސް ބަހައި ނުނިމޭ ކަމަށާއި އޭގެ ތެރެއިން ނުބެހި ބާކީ 12،376 ޕެކެޓް ހުރި ކަމަށް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
ކަދުރު ނުލިބޭކަމުގެ ޝަކުވާ އިތުރުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެގެ ނިޔަލަށް 1،212.4 ކޭސް ނުވަތަ 12،124 ޕެކެޓް ކަދުރު ބަހާފައިވާ ކަމަށެވެ. މީގެ އިތުރުން ފަގީރު 1،483 ގޭބީސީއަކަށް ކަދުރު ބަހާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، އިއްޔެގެ ނިޔަލަށް ނުބެހި ބާކީ 12،376 ޕެކެޓް އެ މިނިސްޓްރީގައި ހުރި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސައުދީ އިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށާއި އެއީ ދެ ކިލޯގެ 25،000 ޕެކެޓު ކަދުރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ކަދުރުގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށާއި ބާކީ 2450 ކޭސް (24،500 ޕެކެޓު) މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ބެހުމަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
އެ ނިސްޓްރީ އިން ވަނީ ކަދުރު ބަހާނެ އުސޫލު އެކުލަވާލާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމު ކޮށްފައެވެ. އެ އުސޫލުގައި ބުނާގޮތުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި އަދި ސިޓީއެއްގައިވެސް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުން ކަމަށާއި މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު ދޭނެ ކަމަށެވެ. ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ ކަދުރު ބަލައި އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރު ރާއްޖޭހައި ޖުމްލަ 63،102 ގޭބީސީ ހުރިކަމަށް މިނިސްޓްރީ އަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި ސައުދީ އިން މިއަހަރު ހަދިޔާކުރި ކަދުރަކީ ކޮންމެ ގޭބީސީއަކަށް ޕެކެޓެއް ދޭވަރަށްވުރެ މަދު އަދަދަކަށް ވުމުން، މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބީސީ އަކަށް 33 ޕެކެޓު ކަދުރު ދިނުމަށް ނިންމާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި އުސޫލުގެ ދަށުން ރަށްރަށަށް ކަދުރު ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެގޮތުން އިއްޔެގެ ނިޔަލަށް 78 ރަށަކަށް ޖުމްލަ 9567 ޕެކެޓު ކަދުރު ހަދިޔާ ކުރެވިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި 103 ރަށަށް ކަދުރު ނުފޮނުވިވަނީ ކަދުރާ ހަވާލުވާނެ ފަރާތެއް އެ ކައުންސިލްތަކުން ފޮނުވާފައި ނުވާތީ ކަމަށާއި، ހަވާލު ނުކުރެވި 8577 ޕެކެޓު ކަދުރު އެބަހުރި ކަމަށް މިނިސްޓްރީ އިން ބުނެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ޕެކެޓު ކަދުރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްޑީސީ އާ ހަވާލު ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަން ނިންމާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ސިޓީކައުންސިލް މެދުވެރިކޮށް ކަމަށާއި ނަމަވެސް ކޮވިޑް19 އާ ގުޅިގެން ލޮކްޑައުންގެ ހާލަތުގައި ކަދުރު ބަހާނެ ގޮތަކާމެދު ސިޓީކައުންސިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ބެހުމަށް 2903 ޕެކެޓު ކަދުރު އެބަހުރި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ ފަގީރުންނަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މެދުވެރިކޮށް 426 ގޭބީސީ އަކަށް ކަދުރު ބަހާފައިވާނެ ކަމަށާއި މީގެ އިތުރަށް އެއްވެސް ކަދުރެއް އެ މިނިސްޓްރީ އާއި ހަވާލުކޮށްގެން ބަހާފައި ނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. އެހެންކަމުން، މިހާތަނަށް ކަދުރާ ހަވާލުވާނެ ފަރާތެއް ފޮނުވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ކަދުރާ ހަވާލުވާނެ ފަރާތެއް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމަށްވެސް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.
އަދި އެ މުއްދަތުގެ ފަހުން ނުގެންގޮސް ހުރި ކަދުރު، ފެސިލިޓީތަކަށް ހަދިޔާ ކުރާނެކަމަށާއި މިހާތަނަށް ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް 250 ޕެކެޓު ކަދުރު ހަދިޔާކޮށްފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ވެރިންނަށާއި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ މުވައްޒަފުންނަށް ބަހާފައި ނުވާނެ ކަމަށާއި އެ ކަދުރު ވީހާވެސް އިންސާފުވެރިކަމާއެކު ރައްޔިތުންނާ ހަވާލުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ބޭރުމީހުންނަށް ބަހާލި ކަދުރުކޮޅު އެންމެންއެކުވެ އެމީހުންގެ ފިހާރަޔަށް ލައިގެން ވިއްކަނީ. ބަހާނުނިމި ހުރި ކަދުރު މިނިސްޓްރީން ވިއްކިއްޔާ ކޮންމެވެސް މަންފާއެއްކުރާނެ. ކުޑަ އަދަދެއް ލިބުނަށް ބޭރުގެ އެކި ދިމާތަކުން ސަރުކާރު ހިންގަންނަގާ ލޯންކުޑަވެދާނެ ކޮންމެވެސް މިންވަރެއް.