މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކާނެ އެއްޗެއް ނުލިބި މަގުމަތީގައި އުޅޭ ބުޅާތަކަށް ފުލުހުން ކާން ދޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލޮކްޑައުންގެ މިހާލަތުގައިވެސް ބައެއް ފުލުހުން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ކާންދޭ ކަމަށެވެ.

ފުލުހުން ބުޅާތަކަށް ކާންދޭ ދާއިރު، މީގެ ކުރިން ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކެއްގެ ފޮޓޯއާ އެކު މީހަކު ޓްވިޓާގައި ކުރި ޕޯސްޓެއްގައި، މާލޭގެ މަގުމައްޗަށް މީހުން ނިކުތުން މަނާ ކުރުމާ ގުޅިގެން އެ ކޮތަރުތަކަށް ކާންދޭނެ މީހަކު ނެތިި ކޮތަރުތައް މަރުވަމުންދާ ކަމަށް ބުނުމުން ފުލުހުން ވަނީ ކޮތަރުތަކަށްވެސް ކާންދޭން ފަށާފައެވެ.

މާލޭގެ ޖުމްހޫރީ މައިދާނުގައި ގިނަ އަދަދެއްގެ ކޮތަރުތައް އުޅެމުން ދާއިރު އެ ކޮތަރުތައް މާލޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ހަދާ، ކާބޮއި އުޅެނީ، މީހުން މަގުމައްޗަށް އުކާލާ ހަނޑުލާއި އެހެނިހެން ކަމަހަލަ ބާވަތްތަކުގެ ކާތަކެތިންނެވެ.

މިކަންކަމުގެ އިތުރުން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގައި ހުރި ލޭގެ ސްޓޮކް ހުސްވާން ގާތް ވެފައިވުމުން، ލޭ ލިބުން ދަތިވެ، ލޭ ހަދިޔާ ކޮށްދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދުމުން މި ދަނޑިވަޅުގައި ފުލުހުން ވަނީ އެކަމަށް ވެސް އިސްނަގާ ލޭ ހަދިޔާ ކޮށްދީފައެވެ.