ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ ފެށުން އައި ގޮތުގެ ތަހުގީގެއް ހިންގަން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ގޮވާލައްވައިފިއެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މޮރިސަން ވަނީ، މި ބަލީގެ ފެށުން އައީ ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ވެޓް މާކެޓްއަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ވެޓް މާކެޓްއަކީ ފަސޭހައިން ހަލާކުވެދާ ފަދަ ރޯމަހާ، އެއްގަމު މަހާ، މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ވިއްކަން ހާއްސަ މާކެޓްތަކެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

މިމޭރުމުން ވާހަކަދައްކަވަމުން މޮރިސަން ވިދާޅުވީ، މިކަމުގެ ފުރިހަމަ މުރާޖައާއެއް ކުރަންޖެހޭ ކަމަށާ، މި މުރާޖައާއަކީ މިނިވަން މުރާޖާއަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ބަލިމަޑުކަމުގެ ފެށުން އައި މަސްދަރުތައް ހާމަކަން ބޮޑު ގޮތެއްގައި ދެނެގަނެ، ފިލާވަޅުތައް ދަސްކޮށް، ދުނިޔޭގެ އެހެން ހިސާބެއްގައި މިފަދަ ބަލިމަޑުކަމެއް ފެށިދާނެ ކަމަށް ދަސްކުރަންޖެހޭ ކަންތައްތަކެއް ދަސްކުރެވެން އޮތީ މިގޮތުގައި ކަމަށްވެސް މޮރިސަން ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ ފެށުމާ ބެހޭ މައުލޫމާތު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފަށާފައިވަނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓް ސަރަހައްދަކުންނެވެ.