ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އަވަށްޓެރި އިންޑިއާއިން 3900 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވި ދުވަސްވެސްމެއެވެ.
މިއަދާ ޖެހެންދެން އިންޑިއާއިން 1 ދުވަހާ އެންމެ ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު 24 ގަޑިއިރުގެ ތެރޭގައި 2644 ޕޮޒިޓިވް ކޭސް ފެނުނުކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 46433 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 1568 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗްއިން މައުލޫމާތު ދޭ ގޮތުގައި، އެގައުމުގައި 1190000 ސާމްޕަލްއެއް ވަނީ ކޮވިޑް-19އަށް ޓެސްޓް ކޮށްފައެވެ.
ފަގީރު ހިސާބުގައި ކޭސް އިތުރުވަނީ
އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމަށްވާ މުމްބާއީގައި އޮންނަ ދަރާވީއޭ ކިއުނު ސަރަހައްދަކީ، މުޅި އޭޝިއާ ބައްރުގައިވެސް އޮތް އެންމެ ބޮޑު ސްލަމް ނުވަތަ ފަގީރު ހިސާބެވެ. ހޯމަ ދުވަހުގެ އިރު އޮއްސި 07:00 ގެ ނިޔަލަށް ދަރާވީ ސްލަމް ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 632 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، 20 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.
ހޯމަ ދުވަހު އެކަނިވެސް 42 ކޭހެއް މި ސަރަހައްދުން ރިޕޯޓްކުރިއެވެ. މި ސަރަހައްދުގައި 1 ދުވަހާ އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވިކަމަށް ރެކޯޑްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 94 ކޭހެއް ޕޮޒިޓިވްވި ކަމަށް މުނިސިޕަލްޓީ އޮފިޝަލެއް ކަމަށްވާ ކިރަން ދިގާވްކާރް ވަނީ ހާމަކުރައްވާފައެވެ.
ދަރާވީ ސްލަމްގައި ކޮވިޑް-19އަށް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.
މި ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށްގެން 350 ޕްރައިވެޓް ކުލިނިކެއް ގާއިމުކޮށްފައިވާއިރު، އޭޕްރިލް 29 ވަނަ ދުވަހުގެ ނިޔަލަށް 70000 އެއްހާ މީހުން ސްކްރީންކޮށްފައިވާކަމަށްވެސް މުނިސިޕަލްޓީގެ އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.
އިންޑިއާއިންވަނީ އެގައުމުގައި ތަންފީޒުކުރަމުންދިޔަ ލޮކްޑައުން އަމުރުގެ މުހުލަތު މިމަހުގެ 3 ވަނަ ދުވަހު ހަމަވިއިރު، އިތުރު 2 ހަފުތާއަށް އެ މުއްދަތު އިތުރުކޮށްފައެވެ.