ކޮވިޑް-19 އާ ގުޅިގެން، ހަވާލު ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަން ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ކޮރަޕްޝަނުގެ އަމަލު ތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަގީންކުރުމަށްޓަކައި އޭސީސީގެ އިރުޝާދާ އެއްގޮތަށް، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެގޮތުން، އެ މިނިސްޓްރީން ވަނީ މަޝްރޫއުތައް ހަވާލު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައް ތަކެއް ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި، ދައުލަތުން ހަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރު އެއްފަރާތުގައި ނުބޭއްވުމާއި، މުތުލަގު ބާރުތައް އެކަކުގެއަތުގައި ނުބޭއްވުމާއި، މަސައްކަތްތަކާ ގުޅޭ އެކި ޒިންމާތައް ވަކިކުރެވި އެކި ފަރާތްތަކާ ހަވާލުކުރެވިފައި ހުރުން ހިމެނެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން އޮތުން ވެސް މީގެ ތެރެއިން ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ހަރަދުތަކުގެ ތަފުސީލު، ފިނޭންސް މިނިސްޓްރީއަށް ރިޕޯޓުކުރުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ހާލަތްތަކުގެ ދަށުން ޕްރޮކިއުކުރާއިރު، އެކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުސޫލުތައް ފުރިހަމައަށް ތަންފީޒު ކޮށްގެންކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ހާލަތްތަކުގައި ވެސް، އެފަދަ އެއްބަސްވުންތަކުގައި ހުންނަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުމަށް އެދިފައެވެ. އަދި ކުރާ މަސައްކަތެއްގެ މަގްސަދު ހާސިލުކުރެވޭނެ ފަދަބަޔަކާ މަސައްކަތް ހަވާލުކުރުމާއި ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެމްޓީސީސީން ގުޅީފަޅުގައި ގާއިމްކުރި ފެސިލިޓީ / ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން އެކި މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ސާފުކޮށް ކަނޑައެޅި ލިޔެވިފައިހުރުމާއި، އެކި ނިންމުންތައް ނިންމާއިރު، އެ ނިންމުމެއް ނިންމުނު ސަބަބު ރެކޯޑުކުރެވި ލިޔުމުން ފެންނަން ހުންނަން ޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މަސައްކަތް ހަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ، އެ ފަރާތުގެ އަސްލީ މަސައްކަތުގެ އިހްތިސާސްގައި އެފަދަމަސައްކަތް ހިމެނޭ ފަރާތެއްކަން ޔަގީންކުރުމާއި، އަދި އެ ފަރާތަކީ، އެ ހަވާލުކުރެވޭ މަސައްކަތް ފަންނީ ނުވަތަމާލީ ގޮތުން ކުރުމުގެ ގާބިލްކަން ލިބިގެންވާ ފަރާތެއްކަން ވެސް ޔަގީން ކުރުމަށް އެދިފައެވެ.

ފިނޭންސް މިނިސްޓަރީން ބުނީ، ކާރިސާގެ ހާލަތުގައި ދައުލަތަށް ހޯދާ ހިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނަ އާއި، ސަލާމަތާއިރައްކާތެރިކަން ޔަގީންކުރުމުގައި، އާންމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި ކުއްލި ހާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމުގެގޮތުން ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި ބީލަމެއް ހަވާލުކުރުމަށްފަހު، ބީލަން ހަވާލުކުރެވުނެ ތާރީހާއި، ހަވާލު ކުރެވުނު ފަރާތާއި އަގު އަދި މުއްދަތުގެ އިތުރުން ބީލަމުގެ ކުރު ހުލާސާއެއްް، އެ އިދާރާއެއްގެ ވެބްސައިޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށެވެ.