ކުޑަކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކޮވިޑް 19 އަށް ޕޮސިޓިވްވެ، އެކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތް ކުޑަކުދިންނަށް ރައްކާތެރިކަން ދޭނެ އުސޫލުތައް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީން ހުށަހަޅައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ، ބެލެނިވެރިޔާ ކޮވިޑަށް ޕޮސިޓިވްވެއްޖެ ހާލަތުގައި ވަގުތީ ގޮތުން ކުޑަކުއްޖާ އާއި ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިކަމާ ހަވާލުވާނެ ފަރާތެއް ނެތް ފަރާތްތަކަށް ރައްކާތެރިކަން ދޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ.

ހަމައެއާއެކު ކޮވިޑް 19 އަށް ޕޮސިޓިވްވެ އައިސޮލޭޝަން ފެސިލިޓީގައި ބައިތިއްބާ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ސެންޓަރުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އެހާލަތަށް ތައްޔާރުވާނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް އެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ބާޔަން ކުރެއެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮސިޓިވްވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ދިނުމުގެ އުސޫލާއި އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

ކޮމިޓީން ތައްޔާރު ކުރި ރިޕޯޓު ފައިނަލްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. އަދި އެ ރިޕޯޓު ވަނީ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިގެން 21 ކުދަކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަައެވެ. އަދި ޕޮޒިޓިވްވި މި ކުދިން ވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައެވެ. ހަމައެއާއެކު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކަށް ކައުނސިލުން ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.