ކޮވިޑް-19 ބަލީގެ ސާމްޕަލް ނެގުމަށް ހާއްސަ ކޮށްފައިވާ "ސާމްޕްލިން ކިއޮސްކް" ތަކެއް ދިރާގުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް19އާ ގުޅޭ ސާމްޕަލްތައް ނެގުމުގައި ބޭނުން ކުރުމަށް 15 ކިއޯސްކް ދިރާގުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ޕްރިންޓް ލެބުން ޑިޒައިން ކުރި އެތަކެތި ބޭނުން ކުރަން ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި ސާމްޕަލް ނެގުމަށެވެ.

މިކިއޮސްކް އަކީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި، ބަލިމީހާއާ ގައިދުރުކަން ބަހައްޓައިގެން ސާމްޕަލް ނެގޭގޮތަށް ފަރުމާކޮށްފައިވާ ކިއޮސްކް ތަކެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ބަލިމީހުންގެ ގައިން ސާމްޕަލް ނަގާ ހެލްތު އޮފިޝަލުންގެ ރައްކާތެރިކަން އިތުރަށް ޔަގީންކުރެވިގެން ދާނެ ކަމަށެވެސް އެ މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕްރިންޓް ލެބްގެ ފަރާތުން ޑިޒައިން ކޮށްފައި ވާ މިފަދަ 15 ކިއޮސްކް ދިރާގުން މިނިސްޓްރީ އޮފް ހެލްތުއަށް ހަދިޔާ ކޮށްފައި ވާއިރު، މިކިއޮސްކްތައް ބޭނުން ކުރަން ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައެވެ.

ދިރާގުން ހަދިޔާކުރި އެ ކިއޮސްކްތަކުގެ ސަބަބުން ކޮންމެ ސާމްޕަލެއް ނެގުމަށް ބޭނުން ކުރާ ރައްކާތެރިކަމުގެ އާލާތް (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް - ޕީ.ޕީ.އީ) ބޭނުން ކުރަންޖެހޭ މިންވަރު މަދުވެ، ޕީ.ޕީ.އީ ހޯދުމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ހެލްތް މިނިސްޓްރީން ބުނެއެވެ.

ޕީ.ޕީ.އީގެ އާލާތްތަކަކީ މިހާރު ދުނިޔޭގެ މާކެޓްތަކުގައި ލިބުން ވަރަށް ދަތި، އަދި ކުރީ ސަފުގައި މަސައްކަތް ކުރާ މަސައްކަތްތެރިން ކޮވިޑް-19 ބަލިން ރައްކާތެރިކުރުމަށް ރާއްޖެއިންވެސް ހޯދުމަށް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާ އާލާތްތަކެއް ކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.