މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑު ކަމަށް ބުނެ ހދ. މަކުނުދޫގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާ ކޮށްފިއެވެ.
ފުލުހުން ބުނީ މަކުނުދޫގެ ކަރަންޓް ބިލުތަށް ބޮޑުކަމަށް ބުނެ ރަށުގެ ފެނަކަ އިންޖީނުގެ ސަރަހައްދުގައި ބަޔަކު މުޒާހަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެމީހުންނާއި ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންގެ ޝަކުވާއަކީ އެހެން މަސްމަހާ ހިލާފަށް މިމަހުގެ ކަރަންޓު ބިލު ބޮޑުވެފައި ވުމާއި އެކަމަށް ޖަވާބު ދިނުމަށް ފެނަކަ އޮފީސް ހިންގުމާ ހަވާލުވެ ހުރި ފަރާތުން ޖަވާބުދާރީ ނުވުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގެ ގޯތިތެރެއަށް އެއްބަޔަކު ވަނީ ވަދެފައެވެ.
އެއްވެފައިތިބި މީހުންގެ ކައިރިން އެސަރަހައްދު ދޫކޮށް ދިއުމަށް އެދުމުން އެމީހުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ.
މިހާރު މައުލޫމާތު ލިބެނީ އެރަށުގެ ކައުންސިލް އިދާރާ ކައިރިއަށް އެމީހުން އެއްވަމުން ދާ ކަމަށެވެ.